މެލޭޝިޔާގައި ކުލަގަދަ ހަރަކާތްތަކަކާއެކު ދިވެހިން އަޟްޙާ އީދު ފާހަގަކޮށްފި
28 މޭ 2026 - 19:20

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ކުލަގަދަ ހަރަކާތްތަކަކާއެކު އަޟްޙާ އީދު ފާހަގަކޮށްފިއެވެ.
"އީދު އުފާ- މެލޭޝިޔާ" ގެ ނަމުގައި ކުއާލަލަންޕޫރުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ އިސްލާމީ އާދަކާދަތައް ދަމަހައްޓައި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤުސަދުގައި ބޭއްވި ހަރަކާތެކެވެ.

Ad by Hajj Corporation
ދިވެހީންގެ ސަޤާފަތާއި އާދަކާދަ ދިރުވުމަށް އިސްކަންދީގެން ކުރިއަށްގެންދިޔަ މި ހަރަކާތް ފެށުނީ އީދު ދުވަހުގެ މެންދުރުގެ ޚާއްސަ ކެއުމަކުންނެވެ. މީގެ އިތުރުން އީދުގެ މުނާސަބަތުގައި އުޟުހިޔާ ކަތިލުމުގެ ކަންކަންވެސް ހައިކޮމިޝަނުން ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ހަފްލާގެ ތެރެއިން ދިވެހި ސަޤާފީ ކުޅިވަރުތަކަށް ޚާއްސަ ފުރުޞަތުތަކެއް ދީފައިވެއެވެ. އެގޮތުން ވާދެމުމާއި، ގޯނި ރޭސް ފަދަ ކުޅިވަރުތަކުގެ އިތުރުން ބޮޑުބެރު ޖެހުމާއި، ސަޤާފީ ނެށުން އަދި ބޮޑުމަހުގެ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ 50 ދަރިވަރުން ބައިވެރިވެ ސަޤާފީ އައިޓަމްތައް ހުށަހަޅައިދީފައިވެއެވެ.
ދިވެހި ހައިކޮމިޝަނުން މެލޭޝިޔާގައި ކުލަ ގަދަ ޢީދެއް ވަނީ ފާހަގަކޮށްފައި، ފޮޓޯ: ދިވެހި ހައިކޮމިޝަން
މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ފަރާތުންވެސް މި ހަފްލާގައި ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ. އެގޮތުން ސަންވޭ ޔުނިވާރސިޓީ، ޓެއިލާރސް ޔުނިވާރސީޓީ އަދި އޭޝިޔާ ޕެސިފިކް ޔުނިވާރސިޓީ އޮފް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އޭ.ޕީ.ޔޫ) ގެ ދަރިވަރުން ވަނީ ދުވަހާ ގުޅޭ ތަފާތު ސަޤާފީ ހަރަކާތްތައް ހުށަހަޅާދީފައެވެ.
ކުޑަކުދީންނަށް ޚާއްސަކޮށްގެންވެސް ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ޑިޒްނީ ކެރެކްޓާސް ދެއްކުމާއި، ފޭސް ޕެއިންޓިންގ، ކަޕް ކޭކްގައި އައިސިންގ ޖެހުން އަދި ފެންކުޅި ކުޅުން ހިމެނެއެވެ. އަދި ހަފްލާގެ ބައިވެރިންގެ މެދުގައި ލަކީ ޑްރޯއެއް ނަގައި އަގުހުރި ހަދިޔާތަކެއް ބަހާފައިވެއެވެ.
ގިނަ އަދަދެއްގެ އާއިލާތަކާއި ކިޔަވާކުދިން ބައިވެރިވި މި ކުލަގަދަ ހަފްލާ ނިންމާލާފައިވަނީ އުޟުހިޔާ މަސް ސަދަގާތް ކުރުމަށްފަހުގައެވެ. މި ހަރަކާތުގެ ސަބަބުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދިޔަކަން ހައިކޮމިޝަނުން ފާހަގަކުރެއެވެ.


