ހަލާލު ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރަން ބީލަމަށް ހުޅުވާލައިފި
22 ނޮވެމްބަރު 2025 - 01:09

ހަލާލު ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
މި ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ. އެ ވުޒާރާއިން މިފަހަރު ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށް ރިސޯޓު ތަރައްޤީކުރުމަށްޓަކައި ޖުމްލަ ފަސް ތަނެއް ވަނީ ހުޅުވާލާފައެވެ.

Ad by Hajj Corporation
ހަލާލު ޓޫރިޒަމްގެ ދަށުން ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހއ. ބީނާފުށި (2.21 ހެކްޓަރުގެ ބިން، 100 އެނދު)، ހއ. ކަނޑާލިފިނޮޅު (5.05 ހެކްޓަރުގެ ބިން، 100 އެނދު)، ހދ. މަކުނުދޫ ފަރު (200 ހެކްޓަރުގެ ބިން، 150 އެނދު)، ށ. ފުށިފަރު (4.34 ހެކްޓަރުގެ ބިން، 100 އެނދު) އަދި ލ. ފޮނަގާދޫ (8.18 ހެކްޓަރުގެ ބިން، 100 އެނދު) އެވެ.
މި ރަށްތަކުގައި ރިސޯޓު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 03 ފެބުރުވަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، މި ރަށްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރަށެވެ. ކުއްޔަށް ދޫކުރެވޭ ހިސާބުން ފެށިގެން 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށަން ޖެހޭނެއެވެ. އަދި މި ރިސޯޓުތައް ތަރައްޤީކުރުމަށް ބިން ހިއްކޭނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
މި ރަށްރަށުގައި ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށް ރިސޯޓުތައް ތަރައްޤީކުރުމަށް ދޫކުރާނީ ވަރަށް ގިނަ ލުއިތަކާއެކު ކަމަށް ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން، އޯޕަން ބިޑިންއަށް ހުޅުވާލާފައިވާ ރަށްތަކަށް އިކުއިޒިޝަން ފީ އާއި ކޯސްޓް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކޭނެއެވެ. އަދި މި ރަށްރަށުގެ ޑިއުޓީވެސް ކަނޑައަޅާފައިވަނީ %20 ހަމައަށް މައާފްކުރެވޭގޮތަށެވެ. މީގެ އިތުރުން، ރިސޯޓު ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު ނުވަތަ ގްރޭސް ޕީރިއަޑްގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކުރާ ހާލަތުގައި، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި އެއްކޮށް މަޢާފްކޮށްދިނުމަށް ވަނީ ނިންމާފައެވެ.
މި ރަށްރަށުގައި ޓޫރިސްޓް ރިސޯޓް ތަރައްޤީކޮށް ހިންގަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 09 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހު އަދި 06 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 09:00 ގައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް 08 ޑިސެންބަރު 2025 ވާ ހޯމަ ދުވަހު އަދި 05 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ވުޒާރާއަށް އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ. ބީލަން ފޮތް 23 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 02 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އާ ދެމެދު ވުޒާރާގެ ރިސެޕްޝަނުން ލިބޭނެއެވެ.


