ނޮވެމްބަރު 19 އާ ހަމައަށް 1.9 މިލިއަން ފަތުރުވެެރިން ރާއްޖެ ޒިޔާރަތްކޮށްފި
22 ނޮވެމްބަރު 2025 - 06:59

މި ހިނގާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހާ ހަމައަށް، 1.94 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިއަހަރުގެ މިހާތަނަށް 1.94 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.77 މިލިއަން ފަތުރުވެރިންނާ އަޅާ ބަލާއިރު %9.9 އިތުރު އަދަދެކެވެ. އެހެންކަމުން 2 މިލިއަން ފަތުރުވެރިން ހަމަވާން ދެން ބޭނުންވަނީ 50،587 ފަތުރުވެރިންނެވެ.

Ad by Hajj Corporation
ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 122،479 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %11.6 އިތުރު އަދަދެކެވެ. އަދި މުޅި އަހަރަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޖެނުއަރީ މަހުއެވެ. އެމަހު 214،863 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ފަސް ގައުމު:
* ޗައިނާ: 305،500 ފަތުރުވެރިން
* ރަޝިއާ: 245،989 ފަތުރުވެރިން
* އިނގިރޭސިވިލާތް: 173،970 ފަތުރުވެރިން
* ޖަރުމަނުވިލާތް: 146،935 ފަތުރުވެރިން
* އިޓަލީވިލާތް: 127،248 ފަތުރުވެރިން
ރާއްޖެއަށް މިހާރު އެވަރެޖްކޮށް ދުވާލަކު 6،035 ފަތުރުވެރިން އަންނަ ކަމަށް ވުޒާރާގެ ތަފާސްހިސާބުތައް ދައްކާއިރު، މީގެތެރެއިން އެންމެ ގިނަ މީހުން މަޑުކުރަނީ ރިސޯޓުތަކުގައެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 73.7 އިންސައްތަ ފަތުރުވެރިންނެވެ. 21.6 އިންސައްތަ ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން މަޑުކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.
މިއަހަރުގެ މިހާތަނަށް ފަސްވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުކަމަށްވާ އިޓަލީވިލާތުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް އިތުރުކުރުމަށާއި ދެގައުމުގެ ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާބެހޭގޮތުން އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ހޮނަރަރީ ކޮންސިއުލްއާ، ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް މިމަހުގެ 20 ވަނަ ދުވަހު ބައްދަލުކުރައްވާފައިވެއެވެ.
މީގެ އިތުރުން ވަޒީރު ވަނީ ނިއުޒިލޭންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންވަނާ ހައި ކޮމިޝަނަރގެ އިތުރުން ތުރުކީ އެއަރލައިންސްގެ ކަންޓްރީ ޑިރެކްޓަރާވެސް ބައްދަލުކުރައްވާފައެވެ.


