ޕްރައިމަރީގެ ފެންވަރު ވަޒަންކުރަން ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ އިމްތިޙާނެއް ބާއްވަނީ
25 ނޮވެމްބަރު 2025 - 04:43
.jpg&w=3840&q=75)
ޕްރައިމަރީގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުން މިނެކިރުމަށް އޭމްޕްލް ބައިނަލްއަޤްވާމީ އިމްތިހާނު ފުރަތަމަ ފަހަރަށް ރާއްޖޭގައި ޕައިލެޓްކޮށް، އެ އިމްތިޙާން ނަގަން ފަށައިފިއެވެ.
އެސެސްމަންޓް ފޮރ މިނިމަމް ޕްރޮފިޝެންސީ ލެވެލް (އޭމްޕްލް) އަކީ ޔުނެސްކޯ އިންސްޓިޓިއުޓް ފޮރ ސްޓެޓިސްޓިކްސް އަދި ދަ އޮސްޓްރޭލިއަން ކައުންސިލް ފޮރ އެޑިއުކޭޝަނަލް ރިސަރޗް (އޭސީއީއާރު) ގުޅިގެން ކުރިއަށް ގެންދާ އިމްތިޙާނެކެވެ. މި އިމްތިޙާނު ބައެއް ޤައުމުތަކުގައި މިހާރު ވެސް ކުރިއަށް ގެންދެއެވެ.

Ad by Hajj Corporation
މި އިމްތިޙާނުގައި މި އަހަރު ބައިވެރިކުރަނީ މާލޭގެ ސްކޫލްތަކާއި މާލެ އަތޮޅުގެ ބައެއް ސްކޫލްތަކުގެ އިތުރުން ބައެއް ސިޓީތަކުގެ ސްކޫލްތަކެވެ. މި އިމްތިޙާނު ދެނީ ގުރޭޑް 3އާއި 6ގެ ދަރިވަރުންނަށް ރީޑިންގ އާއި ހިސާބުންނެވެ.
މިއީ ޕްރައިމަރީ ގުރޭޑް ތަކުގެ ދަރިވަރުންގެ ފެންވަރު ވަޒަން ކުރަން މިހާރު ނަގާ ނާލޯއާ އެއްގޮތަށް ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ އިމްތިޙާނެކެވެ.
މި އިމްތިޙާނުގެ ބޭނުމަކީ ޕްރައިމަރީ ނިމޭއިރު ދަރިވަރުންގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކުން މިނެކިރައި ބެންޗްމާކްކޮށް، ދަރިވަރުންގެ މެދުގައި ހުރި ފަރަގުތައް ދެނެގަތުމެވެ. އެއާއެކު އިންތިޙާނުގެ ނަތީޖާއަށް ބަލައި މުޤައްރަރު އިސްލާހު ކުރުމާއި ޓީޗަރުން ތަމްރީނު ކުރުމާއި ވަސީލަތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމެވެ.
މާލޭގެ ސްކޫލްތަކާއި މާލެ އަތޮޅުގެ ބައެއް ސްކޫލްތަކުގައި މި އިމްތިޙާން ކުރިއަށް ގެންދިޔައީ މި ހަފުތާގެ އާދީއްތަ ދުވަހާއި ހޯމަ ދުވަހުއެވެ. ސިޓީތަކުގެ ސްކޫލްތަކުގައި މި އިމްތިޙާނު ކުރިއަށް ގެންދާނީ އަންނަ އަފުތާގެ ތެރޭގައެވެ.
މުޅިން އަލަށް، އަންނަ އަހަރު ރާއްޖޭގެ ޕްރައިމަރީ ދަރިވަރުން ބައިނަލްއަޤްވާމީ ޓެސްޓެއްގައި ބައިވެރިކޮށް ބެންޗްމާރކް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ދާދިފަހުން އިއުލާން ވެސް ކުރައްވާފައެވެ.
މީގެ އިތުރުން ޕްރައިމަރީ ގުރޭޑް ނިންމާ ދަރިވަރުންގެ ފެންވަރު ވަޒަން ކުރަން ގުރޭޑް 6 ދަރިވަރުންނަށް ބާއްވާ ޤައުމީ އިމްތިހާނު އަންނަ މަހު ބާއްވަން ނެޝަނަލް އިންސްޓިޓިއުޓް ފޯރ އެޑިޔުކޭޝަން (އެންއައިއީ)އިން ވެސް ވަނީ ނިންމާފައެވެ.
މި އިމްތިޙާނު ކުރިއަށް ގެންދާ ގޮތުގެ އިރުޝާދު ސްކޫލްތަކަށް ހިއްސާކޮށްފައިވާއިރު، ސްކޫލްތަކުން އަންނަނީ އެ އިމްތިޙާނަށް ތައްޔާރުވަމުންނެވެ.
މި އިމްތިޙާނު ބާއްވަން ތާވަލު ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހަށެވެ. އިމްތިޙާނު ނަގަނީ ފަސް މާއްދާއިންނެވެ. އެއީ ދިވެއްސާއި އިސްލާމާއި ހިސާބާއި އިނގިރޭސި މާއްދާގެ އިތުރުން ސައިންސް މާއްދާއެވެ.


