އަލޮންސޯ އާއި މައްސަލަޖެހި ކޮންޓްރެކްޓް އައު ނުކުރާނެކަން ވިނީޝިއަސް އަންގައިފި
25 ނޮވެމްބަރު 2025 - 08:20

ރެއަލް މެޑްރިޑްގެ ތަރި ވީނިސިއަސް ޖޫނިއަރ އާއި ކޯޗު ޒާބީ އަލޮންސޯއާ ދެމެދު ހަމަނުޖެހުން ބޮޑުވެ، ކްލަބާއެކު އެއްބަސްވުން އާކުރަން ބްރެޒިލްގެ ކުޅުންތެރިޔާ ބޭނުން ނުވާކަން ހާމަކޮށްފިއެވެ. 'ދަ އެތްލެޓިކް' އިން ނެރުނު މުހިންމު ރިޕޯޓެއްގައިވާ ގޮތުން، މި ހަމަނުޖެހުންތައް މިހާރު ވަނީ ކުޅުންތެރިޔާގެ ކޮންޓްރެކްޓްގެ މައްސަލައަކަށް ވެފައެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، މިދިޔަ މަހުގެ ފަހުކޮޅު ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއާ ބައްދަލުކޮށް ވީނިސިއަސް ވަނީ މިވަގުތައް ކޮންޓްރެކްޓް އާކުރަން ބޭނުންނުވާކަމަށް ބުނެފައެވެ. އެ ބައްދަލުވުމުގެ ތެރޭގައި ހިމެނުނު ތިން މަސްދަރަކާ ހަވާލާދީ 'ދަ އެތްލެޓިކް' އިން ބުނެފައިވަނީ، އަލޮންސޯއާ އެކު އޭނާގެ ގުޅުން މިހާ ހަމަނުޖެހުމުގައި އޮތްހާ ހިނދަކު، ކޮންޓްރެކްޓް ދިގުދެމިގެން ދިއުމަކީ އޭނާއަށް "މާނައެއް ނެތް" ކަމެއް ކަމަށް ވީނިސިއަސް ސާފުކޮށް ބުނެފައިވާ ކަމަށެވެ. ވީނިސިއަސްގެ މިހާރުގެ އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުއެވެ.

Ad by Hajj Corporation
މި ދެބަސްވުން ފެށިފައިވަނީ ޖުލައި 9 ވަނަ ދުވަހު ކްލަބް ވޯލްޑް ކަޕް ސެމީ ފައިނަލްގައެވެ. އެ މެޗުގައި އަލޮންސޯ ފުރަތަމަ ޕްލޭން ކުރެއްވީ ޕީއެސްޖީއާ ދެކޮޅަށް ވީނިސިއަސް ބެންޗުކުރާށެވެ. އެހެން ކުޅުންތެރިޔަކަށް އަނިޔާވުމުން ލައިންއަޕަށް ބަދަލުތަކެއް ގެންނަން ޖެހުނު ނަމަވެސް، ވީނިސިއަސް ކުޅެން ޖެހުނީ އޭނާ އެހާ ގަޔާނުވާ ރައިޓް ވިންގްގައެވެ. އެ ދުވަހުން ފެށިގެން، އަލޮންސޯ ވަނީ ރެއަލް މެޑްރިޑް ކުޅުނު 17 މެޗުގެ ތެރެއިން ފަސް މެޗު ފިޔަވައި އެހެން މެޗުތަކުގައި މެޗުތެރެއިން ބަދަލުކޮށްފައެވެ. އަދި ހަތަރު މެޗު އޭނާ ފަށާފައިވަނީ ބެންޗުންނެވެ.
މައްސަލަ ގޯސްވީ އޮކްޓޯބަރު 26 ގައި ކުޅުނު އެލް ކްލާސިކޯގެ ފަހުންނެވެ. ވިނީ ބަދަލުކުރުމުން އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް، "އަބަދުވެސް އަހަރެން... އަހަރެން މި ޓީމު ދޫކޮށް ދަނީ... އަހަރެން ދިއުން ރަނގަޅު" ކަމަށް ހަޅޭއްލަވާފައެވެ. އޭނާ ފަހުން ވިނީ ވަނީ މާފަށްވެސް އެދިފައެވެ.
ވީނިސިއަސްއާ ގާތް މަސްދަރުތަކުން ބުނާގޮތުން ކުޅުންތެރިޔާ އާއި އަލޮންސޯއާ ދެމެދު އޮތް ގުޅުން ވަނީ ހީނަރުވެފައެވެ.
އެއްބަސްވުން އާކުރުމުގެ މަޝްވަރާތަކަށް ބަލާއިރު، ރެއަލް މެޑްރިޑުން ވަނީ ވީނިސިއަސްއަށް އަހަރަކު ގާތްގަނޑަކަށް 20 މިލިއަން ޔޫރޯ (ނެޓް) ގެ އާ އެއްބަސްވުމެއް ހުށަހަޅާފައެވެ. ނަމަވެސް، އޭނާގެ ފަރާތުން އެދުނީ ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު ފަދަ، ބޯނަސްތަކާއި އާކުރުމުގެ ފީއާއެކު އަހަރަކު ގާތްގަނޑަކަށް 30 މިލިއަން ޔޫރޯގެ މާލީ ޕެކޭޖެކެވެ.


