ވިނީސިއަސްއާއި ދިމާކުރި އާޖެންޓީނާގެ ޕްރެސްޓިއާނީ ހަ މެޗަށް ސަސްޕެންޑްކޮށްފި
25 އޭޕްރީލު 2026 - 03:12

ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ޕްލޭއޮފްގައި ފެބްރުއަރީ މަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ބޭއަދަބީ ބަހެއް ބޭނުންކުރުމުގެ ސަބަބުން ބެންފީކާގެ ވިންގާ ޖިއަންލޫކާ ޕްރެސްޓިއާނީ ހަ މެޗަށް ސަސްޕެންޑް ކުރުމަށް ޔޫއެފާއިން ނިންމައިފިއެވެ.
ލިޒްބަންގެ އެސްޓާޑިއޯ ޑާ ލޫޒްގައި ކުޅުނު މި މެޗު 10 މިނެޓަށް މެދުކަނޑާލަން ޖެހުނީ، ރެއާލްގެ ވިނީޝިއަސް ޖޫނިއާ އަށް ޕްރެސްޓިއާނީ ނަސްލީ ތަފާތުކުރުމުގެ ބަސްތަކެއް އަމާޒުކުރި ކަމަށް ބުނެ ޝަކުވާ ކުރުމާ ގުޅިގެންނެވެ. އުމުރުން 20 އަހަރުގެ ޕްރެސްޓިއާނީ ނަސްލީ ތަފާތުކުރުމުގެ ބަހެއް ބޭނުންކުރި ކަމަށް އިންކާރު ކުރި ނަމަވެސް، ރެއާލްގެ މިޑްފީލްޑަރު އައުރެލިއަން ޗުއަމެނީ ބުނި ގޮތުގައި ޕްރެސްޓިއާނީ ވަނީ ވިނީޝިއަސްއާ ދިމާލަށް ހޯމޯފޯބިކް ބަހެއް ބޭނުންކުރި ކަމަށް އޭނާ ގާތު އެއްބަސްވެފައެވެ.

Ad by Hajj Corporation
އާޖެންޓީނާއަށް ނިސްބަތްވާ ޕްރެސްޓިއާނީ މިހާރުވެސް ވަނީ އެއް މެޗުގެ ސަސްޕެންޝަނެއް ފުރިހަމަކޮށްފައެވެ. އެހެންކަމުން އޭނާ ދެން ފުރިހަމަ ކުރަން ޖެހޭނީ ދެ މެޗުގެ ސަސްޕެންޝަނެކެވެ. ބާކީ އޮތް ތިން މެޗުގެ ސަސްޕެންޝަން ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެފަދަ ކަމެއް ތަކުރާރު ނުކުރާނަމަ ސަސްޕެންޑް ކުރެވިފައެވެ. ޔޫއެފާއިން މިހާރު ވަނީ މި ސަސްޕެންޝަން މުޅި ދުނިޔެއަށް ފުޅާކުރުމަށް ފީފާގައި އެދިފައެވެ.
މި ހާދިސާ ހިނގި ވަގުތު ރެފްރީ ފްރާންސުއާ ލެޓެކްސިއާ ވަނީ ނަސްލީ ތަފާތުކުރުމުގެ އަމަލެއް ހިނގައިފިކަން އެންގުމަށް ފީފާއިން 2024 ވަނަ އަހަރު ތައާރަފްކުރި "ދެ އަތް ހުރަސްކުރުމުގެ" ނިޝާން ދައްކާފައެވެ. ވިނީޝިއަސް މެޗަށްފަހު އިންސްޓަގްރާމްގައި ބުނެފައިވަނީ "ނަސްލީ ތަފާތުކުރުން ގެންގުޅޭ މީހުންނަކީ ހުރިހާ ކަމަކަށްވުރެ ބޮޑަށް ފިނޑި ބައެއް" ކަމަށެވެ.
ބެންފީކާއިން އެ ކްލަބުގެ ކުޅުންތެރިޔާގެ ދިފާއުގައި ވާހަކަދައްކަމުން ބުނެފައިވަނީ މިއީ އޭނާގެ އަބުރު ކުުޅުވުމަށް ހިންގާ ކެމްޕޭނެއް ކަމަށެވެ. ނަމަވެސް ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފައިވަނީ މިފަދަ އަމަލެއް ހިންގިކަން ސާބިތުވެއްޖެނަމަ، އޭނާގެ އިރުޝާދުގެ ދަށުން ޕްރެސްޓިއާނީގެ ކެރިއަރު ނިމުމަކަށް އަންނާނެ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ދަނޑުމަތީގައި ވާދަވެރި ކުޅުންތެރިންނާ ވާހަކަދައްކާއިރު އަނގަ ނިވާކުރާ ކުޅުންތެރިންނަށް ރަތް ކާޑު ދައްކަން ޖެހޭ ކަމަށެވެ. ފުޓްބޯޅައިގެ ގަވާއިދުތައް ހަދާ ބޮޑީ (އައިފެބް) އިން ވެސް ދަނީ ކުޅުންތެރިން ދައްކާ ވާހަކަ ސިއްރުކުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ކުރަމުންނެވެ.


