ކަރަންޓު މައްސަލަ ރަނގަޅު ކުރުމުގެތެރޭގައި ފިހުނު ސްޓެލްކޯ މުވައްޒަފަށް އޭޑީކޭގައި އިތުރަށް ފަރުވާދެނީ
26 ނޮވެމްބަރު 2025 - 14:27

ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި މިއަދު ފިހުނު މުވައްޒަފަށް، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އޭޑީކޭއަށް ބަދަލުކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަނިޔާ ލިބުނު މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާއަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށާއި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ ޢާއިލާއާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

Ad by Hajj Corporation
ސްޓެލްކޯއިން ބުނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި މި ހާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުން އަންނަ ކަމަށެވެ.
މި ނާޒުކު ޙާލަތުގައި، އަނިޔާވި މުވައްޒަފުގެ ޢާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ ޢަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައި ނުވާ މަޢުލޫމާތު ފެތުރުމުން ދުރުވުމަށް ސްޓެލްކޯގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.


