އާނޭ ސްލޮޓް ލިވަޕޫލް ކޮށި ވަޅިއަކުން ވީދައި ހުސްކުރަނީ
27 ނޮވެމްބަރު 2025 - 04:59

ލިވަޕޫލުގެ ނަތީޖާތައް ގޯސްވެ، ރޭގައި އެންފީލްޑްގައި ކުޅުނު ޗެމްޕިއަންސް ލީގުގެ މެޗުގައި ޕީއެސްވީ އަތުން 4-1 ގެ ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ. މިދިޔަ ސީޒަންގައިވެސް ޗެންޕިއަންސް ލީގުގައި ޕީއެސްވީ އަތުން ލިވަޕޫލް ބަލިވެފައި ވާއިރު، އެއިރު ލިވަޕޫލް އޮތީ ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފައެވެ. ނަމަވެސް މިފަހަރު، ޕްރިމިއާ ލީގުގައި ވެސް ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ލިވަޕޫލް ވަނީ މި ބައްޔާއެކު ޗެމްޕިއަންސް ލީގުގެ ގްރޫޕްގައި 12 ވަނައަށް ވެއްޓިފައެވެ.
ލިވަޕޫލް މިހާރު ވަނީ ޖެހިޖެހިގެން ތިން މެޗުން ބަލިވެފައެވެ. އަދި މި ތިން ބައްޔަކީ ވެސް ކޮންމެ މެޗަކުން ތިން ގޯލް ވައްދާލައިގެން ބަލިވި ތިން މެޗެވެ. އަދި އެންމެ ފަހުން ލިވަޕޫލް ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ ތިންމެޗުންނެވެ.

Ad by Hajj Corporation
ރޭގެމެޗުގައި ޕީއެސްވީން ލީޑު ނެގީ މެޗުގެ ހަ ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިވާން ޕެރިސިޗް އެވެ. އޭގެ ދިހަ މިނެޓު ފަހުން ޑޮމިނިކް ޝޮބޮސްލައި ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ދެވަނަ ހާފުގައި މުޅި މެޗުގެ ކަންތައް ބަދަލުވެ، ޕީއެސްވީގެ ކޮޅަށް ނަތީޖާ އެނބުރިގެން ދިޔައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ޕީއެސްވީ ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. އޭގެ 17 މިނެޓު ފަހުން ލިވަޕޫލްގެ ދިފާއީ ކުޅުންތެރިންގެ ފަރާތުން ފެނުނު އިތުރު ހަމަނުޖެހުމެއްގެ ފައިދާ ނަގައި، އިބްރާހިމާ ކޮނާޓޭ އަށް ނުކުޅެވުނު ވަގުތެއްގައި ޑްރިއުއިޗް ވަނީ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައި، ޕީއެސްވީގެ ލީޑު ދެ ގޯލަށް ބޮޑުކޮށްފައެވެ.
ޕީއެސްވީގެ ތާރީޚީ މޮޅު ނަތީޖާ ފުރިހަމަވީ ދެވަނަ ހާފުގެ އިތުރު ވަގުތުގައި، ސާޖީނޯ ޑެސްޓް ކަޓްބެކް ކޮށްލި ބޯޅައެއް ޑްރިއުއިޗް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މެޗު ނިމުމާއެކު، ލިވަޕޫލްގެސަޕޯޓަރުންގެ ހިތްހަމަނުޖެހުން ސްލޮޓް އާއި ކުޅުންތެރިންނަށް ވަރަށްބޮޑަށް އަމާޒުވިއެވެ. މި ނަތީޖާއާއެކު ލިވަޕޫލް ވަނީ ފާއިތުވި 12 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވެފައެވެ. އަދި ޖެހިޖެހިގެން ތިން މެޗުގައި ތިން ގޯލު ބައިކޮޅަށް ވަދެ ލިބަޕޫލް ބަލިވެފައި މިވަނީ 1992 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ފަހު ފުރަތަމަ ފަހަރަށެވެ.
މި ނަތީޖާއާއެކު ސްލޮޓް ކޯޗުކަމުން ވަކިކުރުމުގެ ޕްރެޝަރުވަނީ ބޮޑުވެފައެވެ. އެގޮތުން ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުބާރު ސްލޮޓްއަށް އެއްކޮށްހެން ވަނީ ގެއްލިފައެވެ.


