މެކަލިސްޓާގެ ފަހުވަގުތުގެ ގޯލާއެކު ލިވަޕޫލް އަށް މުހިންމު މޮޅެއް
23 ފެބްރުއަރީ 2026 - 03:55

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގެ 97 ވަނަ މިނެޓުގައި އެލެކްސިސް މެކް އެލިސްޓަރ ކާމިޔާބުކޮށްދިން ލަނޑާއެކު، ނޮޓިންހަމް ފޮރެސްޓްގެ މައްޗަށް 1-0 އިން ލިވަޕޫލް ކުރިހޯދައިފިއެވެ. މިއީ ފޮރެސްޓްގެ އާ ކޯޗު ވިޓޯ ޕެރޭރާ އެ ޓީމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި ފޮރެސްޓުން ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ކެލަމް ހަޑްސަން-އޮޑޯއީ ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ކީޕަރު އެލިސަން ދިފާއުކުރިއިރު، އެލިއަޓް އެންޑަސަން ފޮނުވާލި ބޯޅައެއް ވަނީ ގޯލާ އަމާޒުނުވެ ބޭރަށް ގޮސްފައެވެ. ލިވަޕޫލުން މެޗުގެ ކުޅުން ރަނގަޅުކުރީ ދެވަނަ ހާފުގައެވެ.

Ad by Hajj Corporation
މެޗުގެ ފަހުކޮޅު ލިވަޕޫލުން ވަނީ ފޮރެސްޓްގެ ގޯލަށް ބާރުބޮޑުކޮށްފައެވެ. މެޗުގެ 89 ވަނަ މިނެޓުގައި މެކް އެލިސްޓަރ ލަނޑެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ނިންމީ އެ ބޯޅަ އޭނާގެ އަތުގައި ޖެހިފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ވާޖިލް ފެން ޑައިކް ބޮލުން ފޮނުވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހިފައި ނިކުތް ވަގުތު މެކް އެލިސްޓަރ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މި މޮޅާއެކު ލިވަޕޫލް މިވަނީ ތާވަލުގެ ހަތަރުވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. އަދި މިއީ 2006-07 ވަނަ އަހަރުން ފެށިގެން ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން، ޕްރިމިއާ ލީގުގައި ލިވަޕޫލުން އެންމެ ލަހުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.
މިމޮޅާއެކު ލިވަޕޫލް މިވަގުތު އޮތީ45 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައެވެ. 5 ވަނައިގައި އޮތް ޔުނައިޓެޑް މިވަގުތު އޮތީ ލިވަޕޫލް އަށްވުރެ އެއްމެޗު މަދުން ކުޅެ 45 ޕޮއިންޓާެއެކު ގޯލުގެ ތަފާތުން ކުރީގައެވެ.


