ސަމާލުވޭ! އަނެއްކާވެސް އޯޓީޕީ ހޯދައިގެން އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށް ފައިސާ ފޭރޭ ސްކޭމްތަކެއް
27 ނޮވެމްބަރު 2025 - 07:19

ވަންޓައިމް ޕާސްވޯޑް (އޯޓީޕީ) ހޯދައިގެން މީހުންގެ ބޭންކު އެކައުންޓްތަކާއި އެހެނިހެން ޒާތީ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށް، ފައިސާ ފޭރިގަންނަ ސްކޭމްތައް އަނެއްކާވެސް އިތުރުވެފައިވާތީ، މިކަމަށް ސަމާލުވުމަށް އެންޓި ސްކޭމް ސެންޓަރުން ޢާންމުންނަށް އިލްތިމާސްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 100 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 1,051,290.33 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.

Ad by Hajj Corporation
އެންޓި ސްކޭމް ސެންޓަރުން ވަނީ ސްކޭމް ކޯލެއް އަތުވެއްޖެނަމަ ފޯނު ކަނޑާލުމަށް ފަހު އެ ނަންބަރު ބްލޮކް ކުރުމަށް އާންމުންނަށް އިރުޝާދު ދީފައެވެ. އަދި ފޯނަށް އަންނަ އޯޓީޕީ އެއްވެސް މީހަކާ ހިއްސާނުކުރުމަށް ފުލުހުން ތަކުރާރުކޮށް އިލްތިމާސްކުރެއެވެ. ސްކޭމަރުން އަންނަނީ ކުރިން ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ ފޯނަށް އޯޓީޕީ ފޮނުވައިގެން އެކައުންޓްތަކަށް އެކްސެސް ވަނުމަށް މަސައްކަތްކުރަމުންކަން ފުލުހުން ފާހަގަކުރެއެވެ.
ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، ވައިބަރ އަދި އެހެނިހެން އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި، ފިޝިން ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސް ފަދަ ޕްލެޓްފޯމުތަކެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން، ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށް ފުލުހުން ނަސޭހަތްތެރިވެއެވެ. އަދި އެޕްލިކޭޝަންތަކުގައި ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
ފުލުހުން ވިދާޅުވަނީ ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށެވެ. އެހެންކަމުން، މިފަދަ މައްސަލަތައް ދިމާވާނަމަ އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ، ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.
މިފަދަ މައްސަލަތަށް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 އަށް ގުޅުއްވުމުން ނުވަތަ reportscam@police.gov.mv އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެއެވެ.


