logo
Bank of Maldives

Bank of Maldives

ރިޕޯޓް

"ގަސް ކެނޑުމަކީ ކޮންކަހަލަ ކަމެއް؟"

އިސްމާޢިލް ރާތިޢު
28 ނޮވެމްބަރު 2025 - 05:42
ފޮޓޯ: މިހާރު
ފޮޓޯ: މިހާރު

މި ހަފްތާގެ ބުދަ ދުވަހު އެންމެ ގަދައަށް ވައިގައި ހިފާލި އެއް ޚަބަރަކީ، މައްޗަންގޯޅި ސަހަރާގައި ހުރި ނިކަގަސް ކަނޑަން ސަރުކާރުން ނިންމި ޚަބަރެވެ. މިކަމަކީ، އަންގާރަ ދުވަހު އެދާއިރާގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވަން ބޭއްވި ހަފްލާގައި އެތައް ބަޔަކު ކުރި ޝަކުވާއެއްގެ މައްޗަށް ބިނާކޮށް ސަރުކާރުން ނިންމި ނިންމުމެކެވެ. ނަމަވެސް އެންމެނަށް އެއް ކޭމެއްގައި އެއް ރަހައެއް ނުލާނެތާއެވެ.

އެބީދައިން ސަރުކާރުގެ މި ނިންމުންވެސް ވެގެންދިޔައީ ވަރަށް ހޫނު ބަހުސްތަކެއްގެ ފެށުމަށެވެ. އެއްބަޔަކު މިކަމަށް ތާއީދުކޮށް ސާބަސްދެމުން ދިޔައިރު، މިކަމަށް ކުރިމަތިވި އާޑަ ފުރައްސާރަވެސް މަދެއް ނޫނެވެ. އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށްބުނެ، މަޝްރަހު ވަރަށް ހޫނުކުރަމުން ދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭ ފެނިގެންދިޔައީ މިކަމާ ގުޅުވައިގެން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ޕޯސްޓެކެވެ. ވަޒީރުކަމާ ހަވާލުވެ ވަޑައިގެން ހިސާބުންވެސް ޑރ. ޝަހީމްގެ ފަރާތުން ކަންކަން އޮޅުންފިލުއްވައިދެއްވުމުގެ މިފަދަ ޕޯސްޓުތައް ވަރަށް ގިނައިން ފެންނަކަން ފާހަގަކުރެވެއެވެ.

"ގަސް ކެނޑުމަކީ ކޮންކަހަލަ ކަމެއް؟" މި ސުވާލާއެކު ޑރ. ޝަހީމްގެ ޕޯސްޓު ފައްޓަވާ، ވިދާޅުވެފައިވަނީ އިސްލާމީ ޢާންމު އުޞޫލުން ބަލާއިރު، މުޖުތަމަޢަށް ފައިދާވާގޮތަށް ހުންނަ ގަސްގަހާގެހި ކެނޑުމަކީ ހުއްދަކަމެއްނޫން ކަމަށާއި ވަކީން ޚާއްޞަކޮށް އެގަހަކުން އިންސާނުންނަށް ހިޔާ ނުވަތަ މޭވާއާއި އެހެނިހެން ފައިދާތައް ލިބޭ ގަސްގަހާގެހި ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ އިސްލާމް ދީން ނުހަނު ބާރު އަޅާފައިވާ ކަމެއް ކަމަށެވެ. އަދި ހަނގުރާމައިގެ ޙާލަތުގައިވެސް ގަސްގަހާއިގެއްސަށް ގެއްލުންދިނުމަކީ އިސްލާމްދީން މަނާކުރާކަމެއްކަން ޑރ. ޝަހީމްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ނަމަވެސް ޢާންމު އުޞޫލާ އިސްތިސްނާވާ ޙާލަތްތައްވެސް ހުންނާނެތާއެވެ. އެގޮތުން ޑރ. ޝަހީމް ވިދާޅުވީ މީސްތަކުންނަށް ގެއްލުންވާ ގޮތައް ހުންނަ ގަސްގަހާ ގެހި، ނުވަތަ ގެއްލުންވާ ގޮތައް ހުންނަ ގޮފިތައް ކެނޑުމަކީ ދީނީ ނަޒަރުން ބަލާއިރު ހުއްދަކަމެއްގެ އިތުރުން އެކަމުގައި ޘަވާބުވެސްހުރި ކަމެއް ކަމަށެވެ. ތިމާވެށި ރައްކާތެރިކުރުމަކީ ދީނުގައި ނުހަނު ބާރު އަޅުއްވާފައިވާ ކަމަކަށް ވީއިރުވެސް، ޢާންމު އުނދަގުލަކަށްވާ ގޮތަށް ނުވަތަ މީސްތަކުންގެ ގެއާއި ގެދޮރަށް ގެއްލުންވާ ގޮތަށް ނުވަތަ ހިނގާބިގާވެ އުޅޭ މީހުންނަށް ގެއްލުންވާގޮތަށް ހުންނަ ގަސްގަހާއި ގެއްސާ، އެފަދަ ގަސްގަހުގެ ގޮފިތަކާއި މޫތައް ކެނޑުމަކީ ކުރުން ޖާއިޒުކަމެއް ކަމަށާއި ގެއްލުމުގެ ކުޑަ ބޮޑު މިންވަރަށް ބަލައި ކުރުން ލާޒިމުވެގެންވާ ކަމަކަށްވެސް ވެދާ ކަމެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

މިފަދައިން ވިދާޅުވެ، ޑރ. ޝަހީމް ވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ވާރިދުވެފައިވާ ހާދިސާއެއް ވިދާޅުވެދެއްވާފައެވެ. އެގޮތުން، މީސްތަކުންނަށް ގެއްލުންވާގޮތައް މަގުމަތީގައި ހުރި ގަހެއްގެ ގޮފި ކަނޑާލުމުން، (އެހެން ރިވާޔަތެއްގައިވާ ގޮތުން) ގެއްލުންވާގޮތައް ހުރި ގަހެއް ކަނޑާލުމުން، މާތް ﷲ އެކަން ކުރިމީހާއަށް ރަހުމަތްލައްވާ، އޭނާގެ ފާފަތައް ފުއްސަވައި ދެއްވިކަމަށް އައިސްފައިވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އެއަށްފަހު ޑރ. ޝަހީމް ގެންނަވާފައިވަނީ އުޞޫލުލް ފިޤުހުގެ ޤާޢިދާއެކެވެ. (الضَّرَرُ يُزَالُ) މާނައީ (ގެއްލުން ފިލުވާލުން ހުއްޓެވެ). އިސްލާމީ ޝަރީޢަތުގެ އުޞޫލުތައް ބިނާވެގެންވަނީ ގެއްލުންތަކުން ސަލާމަތްކޮށް މީސްތަކުންގެ މަޞްލަޙަތު ދެމެހެއްޓުމުގެ މައްޗަށް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

އެންމެ ފަހު ކަމަކަށް ޑރ. ޝަހީމް ވަނީ އެގަހެއް ދެމެހެއްޓުމާއި ނުދެމެހެއްޓުން ބިނާވެގެންވަނީ އެއިން ލިބޭ ފައިދާއާއި ގެއްލުމުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ. އެއްޒަމާނެއްގައި ފައިދާލިބޭ ގަހެއް، ފަހުން އެހެން މަޞްލަހަތަކާ ގުޅިގެން ކަނޑާލަން ޖެހިދާނެކަމަށާއި ނުވަތަ އެ ގަސް އެހެން ތަނަކަށް ނަގުލުކުރަންވެސް ޖެހިދާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ކީރިތި ރަސޫލާގެ މިސްކިތް ބިނާކުރެއްވީވެސް އެތަނުގައި ހުރި ގަސްތައް ކަނޑުއްވާލައްވާފަކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޔަހޫދީންގެ ޤަބީލާއެެއްކަމުގައިވާ ބަނުއްނަޟީރުވަންހައިގެ މީހުންގެ ގަސްތައް ކެނޑުއްވުމަށް ކީރިތި ރަސޫލާ މުސްލިމުންނަށް އަމުރުކުރެއްވި ކަމަށާއި އެއީ އެމީހުންގެ އުނދަގުލުން ސަލާމަތްވުމަށާއި އެމީހުން މުސްލިމުންނަށް ގެއްލުންދޭތީވެ އެމީހުން ބަލިކުރެއްވުމަށްކަން ޑރ. ޝަހީމްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ޕޯސްޓު ނިންމާލައްވަމުން ޑރ. ޝަހީމް ވަނީ އަނެއްކާވެސް، ޢާންމު އުނދަގުލަކަށްނުވާ ގޮތައް ހުންނަ ގަސްގަހާގެހި ބަލަހައްޓާ، އެއަށް ރައްކާތެރިކަން ދިނުމަކީ އިސްލާމް ދީނުގައި ނުހަނު ބާރު އަޅުއްވާފައިވާ ކަމެއްކަން ފާހަގަކުރައްވާ، ގަސް އިންދުމާއި ގަސްތައް އިތުރުކުރުމާއި ވަކިން ޚާއްޞަކޮށް މޭވާއާއި ހިޔާ ލިބޭ ގަސްގަހާގެހި ގިނަ ކުރުމަކީ އިސްލާމީ ނަޒަރުން ބަލާއިރު ވަރަށް މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ.

އެއްވެސް ސަބަބަކާ ނުލާ ހިޔާ ލިބޭ ގަހެއް ކަނޑައިލުމަކީ ފާފަވެރިވެދާނެ ކަމެއްކަމަށް ވިދާޅުވެ، މިހުރިހާ ވާހަކައެއްގެ ޚުލާޞާއެއް ކަމަށް ޑރ. ޝަހީމްފާހަގަކުރައްވާފައި ވަނީ، މީސްތަކުންނަށް ގެއްލުން ނުވާ ގޮތައް ހުންނަ ގަސްތައް ދެމެހެއްޓުމަކީ މުހިންމުކަމެއް ކަމަށާއި އެގަހަކުން އިންސާނުންނަށް ގެއްލުން ލިބޭނަމަ އިންސާނާގެ މަޞްލަޙަތު އިސްކޮށް، އެގަސް ކަނޑާލަންޖެހޭނެ ކަމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ގަސް ކެނޑުމަކީ ކޮންކަހަލަ ކަމެއް؟"ރިޕޯޓް | ގަޑިއިރެއް ކުރިންމިފަހަރު އުމްރާއަށް މީހުން ގެންދިޔައީ 33 ކުންފުނިން: ވަޒީރު ޚަބަރު | އަހަރެއް ކުރިންގައުމުގެ އިގްތިސާދީ ހާލަތަށް ބަލައި މަސްފެންގަނޑު ނުހަދަން ނިންމައިފިޚަބަރު | އަހަރެއް ކުރިން