މިސްކިތްތައް ވުޒާރާގެ ދަށަށް ގެނެއުން މުހިންމު: ވަޒީރު ޑރ. ޝަހީމް
23 ޑިސެމްބަރު 2025 - 17:03

މިސްކިތްތައް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެދަށުގައި ހުރި ހުރުން ނިމުމަކަށް ގެނެސް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަށަށް ގެނައުމަކީ މުހިންމު ކަމެއް ކަމަށް ދެކިލައްވާ ކަމަށް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ ފޭސްބުކް ޕޯސްޓެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޤަމަތްދޭންވީމާ މިސްކިތުގެ ތެރޭގައި އެލާމްގެ އަޑުއިވުމަކީ ހުއްޓުވަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ ޑރ. ޝަހީމް ކުރެއްވި ޕޯސްޓެއްގައި، އާންމުންގެ މީހަކުވަނީ، މިހާރު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސިޓީ ކައުންސިލުން މިސްކިތްތައް ނުބަލަހައްޓާ މައްސަލަކަމަށް ބުނެ، މިސްކިތްތައް ވުޒާރާގެ ދަށަށް ނަންގަވާނީ ކޮންއިރަކުތޯ ސުވާލުކޮށްފައެވެ.

Ad by Hajj Corporation
އޭގެ ޖަވާބުގައި ވަޒީރު ވިދާޅުވީ، އެއީ "ވަރަށް މުހިންމު ކަމެއް ކަމަށް" ދެކިލައްވާ ކަމަށެވެ.
ވަޒީރު މިއަދު ވަނީ މިސްކިތްތަކުގައި ކަންކަން ހިނގަމުންދާ ގޮތާމެދު ކަންބޮޑޫވުން ފާޅުކުރައްވާ، ތިން ޕޯސްޓެއް ކުރައްވާފައެވެ. އޭގެ ތެރެއިން ފުރަތަމަ ޕޯސްޓުގައި ވަނީ ސުތުރާގެ ނަމުގައި އެކި ގޮތްގޮތަށް އެއްޗެހި ހަދައިގެން މިސްކިތްތަކުގައި ބަހައްޓާފައި ހުންނާތީ އެކަން ހުއްޓުވަން ސިޓީ ކައުންސިލަށް ދަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
Suthuraa ge namugai miskiy thakugai bahattafai hunna ecchehi nagaidheyn edheynan: Minister Dr. Shaheem | Mendhuru TvTikTokYouTubeInstagramXFacebook
ދެވަނަ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ޤަމަތްދޭންވީމާ މިސްކިތުގެ ތެރޭގައި އެލާމްގެ އަޑުއިވުމަކީ ހުއްޓުވަންޖެހޭ ކަމެއް ކަމަށާއި ޤަމަތް ދިނުމުން އެވީ ސަފަށް އެތުރެން ކަމަށެވެ. އެކަމަށް ކޮންމެހެން އެލާމްގެ އަޑެއް އިވޭކަށް ނުޖެހޭނެ ކަމަށް ވިދާޅުވެ، ވަޒީރު ވަނީ މިސްކިތުގެ ހައިބަތާއި މަތިވެރިކަން ދަމަހައްޓަންވާނެކަން ހަނދައިންކޮށްދެއްވާފައެވެ.
ތިންވަނަ ޕޯސްޓުގައި ވަޒީރު ވަނީ، ބައެއް މިސްކިތްތަކުގެ ތެރޭގައި ގިނަ އަދަދަކަށް އެކި ޒާތްޒާތުގެ އަތަރުފުޅިތައް ވެސް ބަހައްޓާފައި ހުންނަތަން ފެންނަ ކަމަށާއި، ކޮންމެ ނަމާދަކަށް ސަފަށް އަރަންވީމާ އަތަރުލުމާއި ޖެހިގެން ހުރި މީހާގައިގައި ވެސް އަތަރު އުނގުޅުމާއި މިކަންކަމަކީ މިހާރަކަށް އައިސް ފެންނަކަންކަން ކަމަށެވެ.
ވަޒީރު ވިދާޅުވީ މިއީ ކޮންމެ ނަމާދަށް ފަށަން ސުންނަތުގައި އޮންނަ ކަމެއްނޫން ކަމަށާއި ގެއިން މިސްކިތަށް ދާއިރު ސާފުތާހިރުވެގެން ދިއުމަކީ ސުންނަތެއް ކަމަށެވެ. އަދި، އަޅުކަމުގެ ކުރިން ހުވަނދުލުން ޞައްޙަ ސުންނަތުން ސާބިތުވާ ދެ މަޤާމަކީ ޙައްޖާއި ޢުމްރާއަށް އިޙުރާމް ނިޔަތްގަތުމުގެ ކުރިންނާއި ހުކުރު ނަމާދަށް ދާއިރު ކަމަށާއި އެ ދެ ހާލަތުގައި ނޫން ގޮތަކަށް ވަކި އަޅުކަމަކާ ގުޅިގެން ކޮންމެ ފަހަރަކު އަތަރުލުމަކީ ސުންނަތުގައި އޮންނަ ކަމެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.
މިސްކިތްތައް ވުޒާރާގެ ދަށަށް ނެގުން މުހިންމުކަމަށް ވަޒީރުވެސް ފާހަގަކުރައްވާފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ހަފްލާއެއްގެ ތެރެއިންވެސް މިސްކިތްތައް ނުބަލަހައްޓާކަމުގެ ޝަކުވާކޮށްފައި ވެއެވެ. މާލޭގެ ބޮޑެތި މިސްކިތްތައް ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ވާއިރުވެސް މަރާމާތު ނުކުރާ ކަމުގެ ޝަކުވާ، އެމިސްކިތްތަކަށް ގަވާއިދުން އަރާ ފަރާތްތަކުން އަބަދުވެސް އަންނަނީ ކުރަމުންނެވެ.


