މިނިސްޓަރ ޝަހީމް ދެއްވަނީ ހައްޖުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެކަމުގެ ޔަގީންކަން!
12 މާރިޗު 2026 - 14:13

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މި އަހަރުގެ ހައްޖުގެ އެއްވެސް ކަމަކަށް ބުރޫ ނާރާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހައްޖުގެ ހުރިހާ ކަމެއް ވަރަށް ފުރިހަމަށް ގެންދެވޭނެ ކަމަށެވެ.
އެ ގޮތުން ހައްޖާއި ގުޅޭ އިންތިޒާމުތައް އެންމެ އަވަހަށް ނިންމި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ރާއްޖެއަށް ލިބިފައިވާ 1،000 ހައްޖު ކޯޓާގައި ދަތުރުކުރާ ހައްޖުވެރިންގެ ވިސާ ދޫކޮށް ހައްޖުވެރިން ތިބުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ރަމަޟާންމަހުގެ ފަހު 15ގައި އުމްރާގެ އަޅުކަމަށް ރާއްޖެއިން 2000އަށް ވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވާކަަމަށެވެ. އަދި ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅުކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބައެއް ފްލައިޓްތައް ކެންސަލްވުމާއި އެ ނޫންވެސް މައްސަލަތައް ކުރިމަތިވި އުމްރާވެރިންނަށް ހައްލުތައް ހޯދައިދީފައިވާކަމަށެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ފަލައިޓްއެއް ޗާޓަރކުރުމަށްފަހު ހުރިހާ އުމްރާވެރިން ވަނީ މައްކާއަށް ފުރާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ފްލައިޓެއް ކެންސަލްވުމާއި ގުޅިގެން ރާއްޖެއަށް އެނބުރި ނާދެވިފައި ތިބި 50 އުމްރާވެރިން މާލެ ގެނައުމަށްކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާކަމަށެވެ. އަދި އެކަމުގައިވެސް ގޮތްތަކެއް ހޯދޭނެކަމުގެ އުއްމީދު ބޮޑުކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation


