ލަންކާ ވިއްސާރަ: ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއް ޚަބަރު ނުވެގެން ހޯދަނީ
28 ނޮވެމްބަރު 2025 - 12:36

އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި 56 މީހުން މިހާތަނަށް މަރުވެ, ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު, އެ ގައުމުގެ ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ޚަބަރު ނުވެގެން ހޯދަން މިއަދު ފަށައިފިއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން ބުނެފައިވަނީ، ނުވަރަލިޔާއަށް ޗުއްޓީއަކަށް ގޮސް އުޅޭ ދިވެހި އާއިލާއަކާ ނުގުޅިގެން ވަނީ ރިޕޯޓް ކޮށްފައެވެ.އެ އާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ލަންކާ އަންހެނެއް ކަމަށް އެމްބަސީން މައުލޫމާތުދެއެވެ.

Ad by Hajj Corporation
އެ މީހުންނަށް ނުގުޅިގެން މާލެއިން ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް މިއަދު ރިޕޯޓެް ކޮށްފައެވެ. އެހެންނަމަވެސް އެ އެމްބަސީއިން މިހާތަނަށް ކުރި މަސައްކަތުން އަދިވެސް އެ މީހުންނާ ގުޅޭގޮތް ނުވާ ކަމަށް އެ އެމްބަސީ އިން ވަނީ ބުނެފައެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ލަންކާގައި ތިބި ދިވެހީން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނުކުރުމަށާއި، ހާއްސަކޮށް ފެންބޮޑުވާ އަދި ބިންގަނޑު ކަނޑައިގެންދާ ހިސާބުތަކަށް ދަތުރު ނުކުރުމާއި، ބޯކޮށް ވާރޭވެހޭ އަދި ގަދަވަޔާއެކު ވައިޖެހޭ ވަގުތުތަކުގައި ގޭތެރޭގައި ތިބުމަށް އިލްތިމާސްކޮށްފައެވެ.
މިހާރު ލަންކާއަށް ކުރަމުން އަންނަ ވިއްސާރައަކީ ފާއިތުވި އަހަރުތަކުގައި އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު މޫސުމީ އެއް ކާރިސާއެވެ.
އެ ގައުމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 56 މީހުން މަރުވެ، 21 މީހަކު ގެއްލިފައިވާއިރު މޫސުން ގޯސްވުމުގެ ސަބަބުން މިހާތަނަށް 44،000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާކަމަށް ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރު (ޑީއެމްސީ)ން ވަނީ ބުނެފައެވެ.
އިތުރު އެހީތެރިކަމެއް ބޭޭނުންވާނަމަ ހައިކޮމިޝަން ހޮޓްލައިން: +94 77 722 8800 އަށް ގުޅުމުން ނޫނީ އީމެއިލް: colombo.consular@foreign.gov.mv އަށް މެއިލް ކުރުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.


