ސިލޯނާއެކު ދިވެހީން ޓެލެތޯން: 24 ގަޑިއިރުތެރޭ 5.76 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފި
1 ޑިސެމްބަރު 2025 - 03:51

އަވަށްޓެރި ސްރީލަންކާއަށް ދިމާވެފައިވާ މޫސުމީ ކާރިޘާގެ ސަބަބުން ހާލުގައި ޖެހިފައިވާ އެޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން ޓެލެތޯނަށް" މިދިޔަ 24 ގަޑިއިރު ތެރޭގައި މިހާތަނަށް 55.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފިއެވެ.
މިއަދަދަކީ ފަންޑަށް ޖަމާކުރި އެމެރިކާ ޑޮލަރު ހިމަނައިގެން ރުފިޔާއިން ޖެހޭ އަދަދެވެ.
އާދިއްތަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން މިއަދުގެ މެންދުރު ފަހު 2:00 އާ ހަމައަށް ކުރިއަށްގެންދާނެއެވެ.
ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިއަދުގެ ހެނދުނު 8:30އާ ހަމައަށް ޔޫއެސް ޑޮލަރު ހިމަނައިގެން 5,758,318 އަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ 5،116،211 ރުފިޔާއާއި 41،641 ޑޮލަރެވެ.
މި ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް އަދި ބުރުޒުމަގުގައި ހުންނަ ޕީއެސްއެމްގެ ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެޤައުމު ވަނީ ކާރިޘާގެ ޙާލަތުގައެވެ.
ޕީއެސްއެމްއިން އިސްވެ، އެކުޖުމުލަ 37 މީޑިއާ ގުޅިގެން ކުރިއަށް ގެންދާ މި ޓެލެތޯން ނިންމާލަން ކުރިން ހަމަޖައްސާފައި އޮތީ އާދިއްތަދުވަހުގެރޭ މެންދަމު 1:00އާ ހަމައަށެވެ. ނަމަވެސް، މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން ހޯމަދުވަހުގެ މެންދުރު ފަހު 2:00އާ ހަމައަށް ޓެލެތޯން ކުރިއަށް ގެންދިއުމަށްފަހުން ނިންމީއެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ގާތް ގުޅުމެއް އޮންނަ ޤައުމެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީ އަވަށްޓެރި ސްރީލަންކާއެވެ.

Ad by Hajj Corporation


