އިންސާނިއްޔަތުކަން އަދާކުރުމުގައި ދިވެހީން އުޅެނީ އެތައް ދަރަޖައެއް ކުރީގައި: ލަންކާ ރައްޔިތުން
2 ޑިސެމްބަރު 2025 - 07:38

އިންސާނިއްޔަތުކަން އަދާކުރުމުގައި ދިވެހީން އުޅެނީ އެމީހުންގެ ގައުމުގެ މީހުންނާ އަޅާބަލާއިރު އެތައް ދަރަޖައެއް ކުރީގައި ކަމަށް ސްރީލަންކާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި ބުނަމުން އެބަދެއެވެ.
އަވަށްޓެރި ސްރީލަންކާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި މިހެން ބުނަމުން ދަނީ، ސްރީލަންކާއަށް ދިމާވެފައިވާ މޫސުމީ ކާރިޘާގެ ސަބަބުން ހާލުގައި ޖެހިފައިވާ އެޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން ޓެލެތޯނަށް" ގިނަ އަދަދެއްގެ ފައިސާ ޖަމާވުމުން، އެކަަމަށް ތައުރީފުކޮށް ކޮށްފައިވާ ޕޯސްޓްތަކުގައެވެ. މި ޓެލެތޯނަށް ލިބުނު ފައިސާގެ އެކުޖުމުލަ 12 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ. އާދިއްތަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން އިއްޔެ މެންދުރު ފަހު 2:00 އާ ހަމައަށް 29 ގަޑިއިރަށް ކުރިއަށްގެންގޮސްފައިވާއިރު މި ޓެލެތޯނުގައި 30 އަށް ވުރެ ގިނަ މީޑިއާތަކުން ވަނީ ބައިވެރިވެފައެވެ.

Ad by Hajj Corporation
ޓެލެތޯނަށް ލިބިފައިވާ ޖުމްލަ އަދަދަކީ ބޭންކް އެކައުންޓްތަކަށް މިވަގުތަށް ޖަމާވެފައި ހުރި އަދަދުކަމަށާއި ބޭންކް ސްޓޭޓްމެންޓްތަކުން ވެރިފައި ކުރުމަށް ފަހު ފައިނަލައިޒްކޮށްފައި ހުރި އަދަދުތައްކަން ކްރޯ މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފައެވެ. ގުނި ހުރިހާ ފައިސާއެއް ބީއެމްއެލްއަށް ޖަމާ ކުރުމަށް ފޮނުވާފައިވާ ކަމަށް ކްރޯ މޯލްޑިވްސްއިން މައުލޫމާތުދެއެވެ.
ލަންކާއަށް ކުރިމަތިވި މޫސުމީ ކާރިޘާގައި ފެންބޮޑުވުން ----
މުޅި ފަންޑަށް ޖުމްލަކޮށް ލިބުނު ފައިސާ
- 11.553،291.10 ރުފިޔާ
- 51،088.31 ޑޮލަރު
- 20 ޔޫރޯ
މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިކަމާ ގުޅިގެން ލަންކާގެ ރައްޔިތުން އަންނަނީ ސޯޝަލްމީޑިއާގައި ޝުކުރާއި ތައުރީފުގެ ޕޯސްޓުތައް ކުރަމުންނެވެ. ތޫފާނީ ވިއްސާރައާއި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއެކު، މިކާރިޘާ ވެފައި ވަނީ، 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާއަށްފަހު ސްރީލަންކާއަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ކާރިޘާއަށެވެ. އެހެންކަމުން، މިކާރިޘާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް، އެ ގައުމުގައި ފަންޑު ހޯދުމުގެ ގައުމީ ހަރަކާތެއްވެސް ނުފަށާ އުޅެނިކޮށް ލަންކާއަށްވުރެ އެތައް ގޮތަކުން ކުޑަ ގައުމަކުން އެހީއަށް ނުކުތުން އެ މީހުންނަށްވީ ވަރަށް ބޮޑު ކަމަކަށެވެ.
"ސިލޯނާއެކު ދިވެހީން ޓެލެތޯން"ގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް
ސްރީލަންކާގެ އާންމު ރައްޔިތުން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓުތަކުގައި ވަނީ ދިވެހީންގެ ދީލަތިކަމަށް ތައުރީފުކޮށްފައެވެ. ދިވެހީން ދެއްކީ ދީލަތިކަމުގެ އިންތިހާކަން ފާހަގަކޮށް، މިމަުގެ ބަދަލު ބޭނުންޖެހޭ ހިނދެއްގައި ދިވެހީންނަށް ދޭނޭ ކަމަށް ލަންކާގެ މީހުން ވަނީ ބުނެފައެވެ. ރާއްޖެއަށް އެހީތެރިކަމެއް ބޭނުންވާ ދުވަހެއް އަތުވެއްޖެ ނަމަ، ދީލަތި ދިވެހީންނަށް ހައްގު މިންވަރު ފޯރުކޮށްދީ އެމީހުންނަށް ލިބިފައިވާ ހުރިހާ އެއްޗެއް ދޭނެ ކަމަށް ލަންކާ ބަހުން މީހަކު ފެސްބުކްގައި ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.
އެ ޕޯސްޓުގައި ބުނީ ދިވެހިންގެ އެއް ދުވަހުގެ އުޖޫރަ، އެ ޓެލެތޯނަށް ހަދިޔާކޮށްފައިވާ ކަމަށާއި އެއީ ލަންކާގެ ގިނަ މީހުންގެ އެއް މަހުގެ މުސާރައާ އެއްވަރު އަދަދެއް ކަމަށެވެ. އެންމެ ދިވެއްސަކު 200،000 ޑޮލަރު ހަދިޔާކޮށްފި ކަމަށާއި ދިވެހި ސަރުކާރުން 50،000 ޑޮލަރު ހަދިޔާކޮށްފި ކަމަށް ޕޯސްޓުގައި ފާހަގަކުރިއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ލަންކާ މީހުންގެ މަސައްކަތުން މިހާތަނަށް 33،000 ޑޮލަރު އެއްކޮށްފައިވާ ކަމަށާއި ރާއްޖޭގެ ބޭންކަކުން 20،000 ޑޮލަރު ހަދިޔާކޮށްފި ކަމަށް ވެސް ޕޯސްޓުގައި ވެއެވެ.
މީގެ އިތުރުން އެ ޕޯސްޓުގައި ބުނި ގޮތުގައި، މި ކާރިޘާ ދިމާވި ވަގުތު ރާއްޖޭގެ މޯބައިލް ނެޓްވޯކްތަކުން ވަނީ ލަންކާއަށް ހިލޭ ގުޅޭނެ ގޮތް ހަދާފައެވެ. ދިވެހި ސަރުކާރުން 25،000 މަސް ދަޅު ކޭސް ފޮނުވާނެ ކަމަށް ބުނެފައިވާކަންވެސް ލަންކާ މީހަކު ކުރި ޕޯސްޓުގައި ވަނީ ފާހަގަކޮށްފައެވެ. ލަންކާ މީހުން ކޮށްފައިވާ ގިނަ ޕޯސްޓުތަކުގައި ވަނީ ރާއްޖޭގެ އޮފީސްތަކާއި ރިސޯޓުތަކާއި ސްކޫލުތަކުން ވެސް "ސިލޯނާ އެކު ދިވެހިންގެ" ނަމުގައި ހޭޝްޓެގެއް ހަދައިގެން ލަންކާއަށް އެހީވަމުން އަންނަކަން ފާހަގަކޮށްފައެވެ.
"ސިލޯނާއެކު ދިވެހީން ޓެލެތޯން"ގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް
އެ މީހުން ބުނަނީ އެ މީހުންގެ އަމިއްލަ ގައުމުގައި މިފަދަ ކަމެއް ވެސް ނުހިނގާ ކަމަށެވެ. އެހެންވެ ދިވެހީންގެ މި އިސްނެގުމާއި ދީލަތިކަމާއި މަދަދަށް އެ މީހުން ލޯތްބާއެކު ވަނީ ތައުރީފާޢި ޝުކުރުގެ ބަސްތައް ބަންޑުންކޮށްލާފައެވެ. އެ ގައުމުގެ ކޮންމެ ރައްޔިތަކާއި ސަރުކާރަށް ލަންކާގެ ރައްޔިތުން ވަނީ ދިވެހީންގެ މިއެހީ ހަނދާންނައްތާނުލުމަށް އިލްތިމާސްކޮށްފައެވެ. އަދި ދިވެހީންނަށް ދިމާވާ ހިތާމަތަކުގައި ބައިވެރިވެ އެހީތެރިވުމަށް ވެސް އިލްތިމާސްކޮށްފައެވެ. އެ މީހުން ވަނީ އެއްވެސް ޝަރުތެއްނެތި ދިވެހީންގެ ހައްގުގައި ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނުކުންނާނެ ކަމަށް ވައުދުވެފައެވެ.
ލަންކާއަށް ކުރިމަތިވި ކާރިޘާއާއެކު ރާއްޖޭގައި ލަންކާ މީހުން މަސައްކަތްކުރާ އެކި ކުންފުނިތަކުން ވެސް އެ މީހުންގެ އާއިލާތަކަށް އެހީތެރިވަމުން އަންނަ ކަމަށް އެ މީހުން ބުނެއެވެ.
"ސިލޯނާއެކު ދިވެހީން ޓެލެތޯން"ގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް
ލަންކާ ރައްޔިތަކު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ފާހަގަކުރިގޮތުން، ޖުމުލަ 500,000 މީހުންގެ އާބާދީއެއް އޮތް ރާއްޖޭގެ ރައްޔިތުން، 25 ގަޑިއިރު ތެރޭގައި 600,000 ޑޮލަރަށްވުރެ ގިނަ ފައިސާ އެއްކޮށްފައިވެއެވެ. ބޮޑެތި ގައުމުތައް ވެސް އެހީތެރިވުމަށް ނުކުޅެދިފައިވާ ދަނޑިވަޅެއްގައި، މި ކުޑަގައުމުގެ ރައްޔިތުން މި ކރި މަސައްކަތް ބަޔާންކުރަން ވެސް ދަތި ކަމަށް އޭނާ ބުނެފައިވެއެވެ.
ފޭސްބުކްގެ އިތުރުން ސޯޝަލްމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ލަންކާ މީހުން އަންނަނީ ދިވެހިންނަށް ޝުކުރުވެރިވެ ޕޯސްޓު ކުރަމުންނެވެެ. ފަންޑު ފޮށިތަކާއި ޓެލެތޯނުގެ އެކި މަންޒަރުތައް ހިއްސާކޮށް އަންނަނީ އެކިއެކި ބަސްބަހުން ތައުރީފުކުރަމުންނެވެ.
ދީލަތިކަމާއި އެކުވެރިކަމަކީ ދިވެހީންގެ ގައުމީ ރީތި ނަމެވެ. ދިވެހީންގެ އެއްބައިވަންތަކަމާއި އޯގާތެރިކަމަކީ މިކުޑަކުޑަ ގައުމި ދެމި އޮތުމުގެ އަސްލެވެ. އެކަކަށްޓަކައި އަނެކަކަު ޤުރުބާންވާން ތައްޔާރަށް ހުރުމަކީ ދިވެހީންގެ ޝިއާރެވެ. އަނެއްކާވެސް މުޅި ދުނިޔެއަށް ދިވެހީންގެ ގޮތް ދައްކައިދީފިއެވެ.


