ފިހުނު ސްޓެލްކޯ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކް ހޮސްޕިޓަލަށް
1 ޑިސެމްބަރު 2025 - 04:05

ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި ފިހުނު މުވައްޒަފަށް، އިތުރު ފަރުވާ ދިނުމަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
މި ދިޔަ ބުދަ ދުވަހު ހިނގި މިހާދިސާއާ ގުޅިގެން ފިހުނު މުވައްޒަފަށް، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭޑީކޭއިންވެސް ފަރުވާދީފައިވެއެވެ.

Ad by Hajj Corporation
ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭ އިންޖީނުގޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި އެ ކުންފުނީގެ މުވައްޒަފު ވަނީ އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރެވިފައިކަމަށެވެ. އަދި ކުންފުނީގެ ދުޢާ އަކީ އެ މުވައްޒަފަށް އަވަސް ޝިފާއެއް ލިބި، އަލުން ހެޔޮ ހާލުގައި ވަޒީފާއަށް ނިކުމެވުމުގެ ތައުފީޤު މާތް ﷲ ދެއްވެވުންކަމަށް ސްޓެލްކޯއިންވަނީ ބުނެފައެވެ.
ހާދިސާއާ ގުޅިގެން ސްޓެލްކޯއިން މީގެ ކުރިން ބުނީ ފިހުނު މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ ޢާއިލާއާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި މި ހާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.


