އެފްއޭއެމް އަންހެން ޑިވިޝަނުގައި ވާދަކުރާ ކޮންމެ ޓީމަކަށް އެއްލައްކަ ރުފިޔާދޭން ނިންމައިފި
2 ޑިސެމްބަރު 2025 - 07:05

ފީފާގެ އެހީގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއްޔެ ފެށި އަންހެން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް 100,000 ރުފިޔާ (އެއްލައްކަ ރުފިޔާ) ގެ ފައިސާގެ އެހީތެރިކަމެއް ދިނުމަށް ނިންމައިފި އެވެ. މިމުބާރާތުގައި ޖުމުލަ 6 ޓީމެއް ބައިވެރިވެއެވެ.
ވިމެން ލީގުގެ ކުޅުން އިއްޔެ ފެށީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުގެ މެޗުންނެވެ. މިއީ 10 އަހަރަށް ފަހު އެފްއޭއެމުން، އަންހެން ފުޓްބޯޅައިގެ އިލެވެން ސައިޑް މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެ ފައްޓަވައިދެއްވި މި މުބާރާތުގެ ފުރަތަމަ މެޗު ވިކްޓަރީން ވަނީ ޓީސީ 6-0 އިން ބަލިކޮށްފައެވެ.

Ad by Hajj Corporation
މި މުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކުގެ ތެރޭގައި ނިއުރޭޑިއަންޓްގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އޮޑި އަދި ބިސް ބްރަދާސް ހިމެނެއެވެ. 2015 ވަނަ އަހަރަށް ފަހު އިއްޔެގެ ނިޔަލަށް އަންހެން ފުޓްބޯޅައިގެ އިލެވެން ސައިޑް މުބާރާތެއް އެފްއޭއެމުން ނުބާއްވައެވެ. އެއަހަރު މިމުބާރާތް ކާމިޔާޞުކުރީ ނިއުރޭޑިއަންޓުންނެވެ.
އެފްއޭއެމުން އަންހެން ފުޓްބޯޅަ އަލުން އާލާކުރުމަށް ކުރަމުންދާ މަސައްކަތަށް މި އެހީތެރިކަމަކީ ބާރަކަށް ވާނެއެވެ. އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގްގެ އެސޯސިއޭޝަނާއި ހަވާލުވިފަހުން ފުޓްބޯޅަ ކޮޅަށްޖެހުމަށް ގިނަމަސައްކަތްތަކެއް އެފްއޭއެމް އިން ފަށާފައިވާކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ފީފާގެ ރައީސް ރާއްޖެއަށް ޒިޔާރަތްކުރުމާއި، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެވޭގޮތަށް މުބާރާތެއް ފެށުން ހިމެނެއެވެ.


