މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް
3 ޑިސެމްބަރު 2025 - 06:44

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ހިގައްޖެއެވެ.
މި ދައުރުގެ ފަހު ޖަލްސާ ބޭއްވީ މިއަދުއެވެ.
މިއަހަރުގެ ފަހު ދައުރު ނިންމާލާފައިވާއިރު، މިއަހަރުގެ 3 ދައުރުގެ މަތިން މަޖިލީހުން ވަނީ 87 ޖަލްސާއެއް ބާއްވާފައެވެ. އެއީ ގާތްގަނޑަކަށް 169 ގަޑިއިރުގެ މަސައްކަތްކަމަށް ރިޔާސަތުން އިޢުލާންކުރެއްވިއެވެ.

Ad by Hajj Corporation
މިއަހަރުގެ ފަހު ދައުރުގެ ތަފާސްހިސާބު ޙިއްސާކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ, އަހަރުގެ ތިންވަނަ ދައުރުގައި 28 ޖަލްސާއެއް ބާއްވާފައިވާ ކަމަށާއި ޖަލްސާތަކުގައި ގާތްގަނޑަކަށް 64 ގަޑިއިރު ހޭދުކޮށްފައިވާ ކަމަށެވެ. އަދި ކޮމިޓީތަކުގެ 142 ބައްދަލުވުން ބާއްވާފައިވާއިރު، ބައްދަލުވުންތަކުގައި ގާތްގަނޑަކަށް 120 ގަޑިއިރު މެންބަރުން ހޭދަކުރެއްވިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މި ދައުރުގެ ތެރޭގައި މަޖިލީހުން ވަނީ ޖުމުލަ 15 ބިލެއް ފާސްކޮށްފައެވެ. އަދި އީ-ޕެޓިޝަންގެ ނިޒާމު ތަޢާރަފުކުރުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ވެސް ވަނީ އިޞްލާޙުތަކެއް ގެނެސް، ފާސްކޮށްފައެވެ. މި ދައުރުގެ ތެރޭގައި 29 ސުވާލު ވަޒީރުންނަށް ކޮށްފައިވާކަންވެސް ރިޔާސަތުން ހާމަކުރެއްވިއެވެ. ޢަބްދުއްރަޙީމް ވިދާޅުވީ ފަހު ދައުރުގައި ސަރުކާރުން ހުށައެޅި 16 މައްސަލައާއި މަޖިލީހުގެ ރައީސްގެ މޭޒުން ހުށައެޅި 9 މައްސަލައެއް ނިމިފައިވާ ކަމަށެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުން ޢާންމުކޮށް ހިފަހައްޓަމުން އަންނަ އުޞޫލުތަކުގެ ތެރޭގައި ސަރުކާރު ހިންގުމަށް އަދި ޚިދުމަތް ފޯރުކޮށްދިނުމަށް މުހިންމު ބިލުތަކެއް މަޖިލީހަށް ހުށައަޅާފައިވާނަމަ އެ ބިލުތަކުގެ މަސައްކަތް ނިންމުމަށްފަހު ދައުރު ނިންމާލައި ޗުއްޓީ ދިއުން ފާހަގަކޮށްލެވެއެވެ. މިގޮތުން މިއަހަރުގެ 3 ވަނަ ދައުރު ނޮވެންބަރު މަހުގެ ނިޔަލަށް ހަމަވި ނަމަވެސް، މުހިންމު ބިލުތަކެއްގެ މަސައްކަތް ނިންމުމަށް ދައުރު ދަންމާލިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ. އެއީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށް ކުރިއަށްދާ ފުރަތަމަ ދައުރުގެ ޖަލްސާތަކާއި، ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ދެވަނަ ދައުރުގެ ޖަލްސާތައް އަދި އޮކްޓޯބަރު މަހުގެ 1އިން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކުރިއަށްދާ ތިންވަނަ ދައުރުގެ ޖަލްސާތަކެވެ.
ޗުއްޓީ ނިންމުމަށްފަހު ދެން މަޖިލީހުގެ މަސައްކަތްތަށް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ދައުރާއެކުއެވެ.


