ހަތަރު ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފި
8 މާރިޗު 2026 - 11:52

ދިވެހިރާއްޖޭން 4 ޤައުމަކަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިގެންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާޑރ. މުހައްމަދު މުޢިއްޒު ވަނީ ސަރބިއާއަށާއި މޯލްޓާއަށާއި އޮމާން އަދި އަރުމީނިއާއަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، ސަރބިއާ އާއި މޯލްޓާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަން ކުރެއްވުމަށް ފޮނުއްވާފައިވަނީ އާމިނަތު ޝަބީނާގެ ނަންފުޅެވެ. ޝަބީނާއަކީ މީގެ ކުރިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު އަދާކުރައްވާފައިވާ ޚާރިޖިއްޔާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.
ދިވެހިރާއްޖޭން އޮމާނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ ރާއްޖޭން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރެވެ.
މީގެ އިތުރުން އަރުމީނިއާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި އެކުވެރި ޢަރަބި އިމާރާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފްގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
ރާއްޖޭން މި ހަތަރު ޤައުމަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.


