ލ. ގަން އިންޖީނުގޭގައި ރޯވި އަލިފާން ނިއްވާލައިފި
3 ޑިސެމްބަރު 2025 - 11:51

ލ.ގަމު ފެނަކަ އިންޖީނު ގޭގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.
3 ޑިސެމްބަރު 2025 ވަނަ ދުވަހުގެ މެންދުރު ފަހު 2:50 އެހާކަންހާއިރު ރޯވި އަލިފާން ނިއްވާލެވުނީ 1 ގަޑިއިރު ފަހުން، 3:50 އެހާކަންހާއިރުއެވެ.

Ad by Hajj Corporation
މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ 1 ޖަނަރޭޓަރ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ.
ފެނަކަ ކޯޕަރޭޝަނުން ހިންގާ ގަމު އިންޖީނުގޭގައި މި ހާދިސާ ހިނގީ ސައިލެންސަރެއްގައި ރޯވެގެން ކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި، ގަން ތުނޑީ އިންޖީނުގޭގައި އަލިފާން ރޯވެގެން ސެންޓްރަލް އޭރިއާ ކޮމާންޑް ކައްދޫ ފަޔަރ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައެވެ.
އެރަށު ކައުންސިލުން ބުނީ އަލިފާން ނިއްވާލެވިއްޖެ ކަމަށާއި މި ހާދިސާގައި މީހަކަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށެވެ.
ގަމު ފެނަކަ ބްރާންޗުން ބުނީ އިންޖީނުގޭގެ 80 އިންސައްތައަށް ގެއްލުންވެފައިވާ ކަމަށާއި، އަލިފާން ރޯވީ އިންޖީނު ރޫމުގައި ކަމަށެވެ. އިންޖީނު ގޭގައި ހުރި 5 އިންޖީނުގެ ތެރެއިން، 2 އިންޖީނު މުޅިން ބޭނުން ނުކުރެވޭވަރަށް ވަނީ ގެއްލުންވެފައެވެ.
މިހާދިސާގައި ކޮންޓްރޯލް ރޫމާހަމައަށްވެސް އަލިފާނުގެ އަސަރުކޮށްފަވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ސީދާ ސަބަބެއް ސާފެއް ނޫނެވެ.
ގަމުގެ ކަރަންޓު ކެޕޭސިޓީއަކީ 5 މެގަވޮޓެވެ. އަދި ރަށުގެ ލޯޑި 2 މެގަވޯޓުން މައްޗަށް އަރައެވެ. މުޅި ރަށަށް ކަރަންޓު ދިނުމަށް ވަގުތު ނަގާނެތީ، ކަރަންޓު ކެނޑިފަވާ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމަށް ފެނަކައާއެކު މަސައްކަތްކުރަމުންދާ ކަމަށް، އެ ބްރާންޗުން ވަނީ މަޢުލޫމާތު ދީފައެވެ.


