ހިޔާ ފްލެޓުގެ ކުއްޔަށް ދިން ލުއިތައް، "މައީ ހުޅުމާލެ" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލާލެވޭނެ
4 ޑިސެމްބަރު 2025 - 13:20

ހިޔާ ފްލެޓުގެ ކުލި ކުޑަކޮށް، ސަރުކާރުން ދިން ލުއިތަކުގެ ތަފްސީލު "މައި ހުޅުމާލެ ޕޯޓަލް"އިން މިހާރު ފެންނާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފިއެވެ.
އެޗްޑީސީން ހާމަކުރިގޮތުގައި ސަރުކާރުން ހިޔާ ފްލެޓުތަކުގެ ކުއްޔަށް ދީފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ކުރުމަށް، ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފުލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލު "މައި ހުޅުމާލެ ޕޯޓަލް" އިން މިހާރު ފެންނާނެއެވެ. މިއީ ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ދީފައިވާ ލުއިތައް ރަސްމީކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ހިޔާ ފްލެޓުތައް މަރާމާތުކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ޚަރަދަށްވާ ދެލައްކަ ރުފިޔާ 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަ ކުރާ ގޮތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން، އެމަނިކުފާނު ވަނީ ހިޔާ ފްލެޓުތަކުން މަހުން މަހަށް ދައްކާ ކުލި 3984 ރުފިޔާއަށް ކުޑަކުރަން ނިންމަވާފައެވެ. ކުލީގެ އިތުރުން މެއިންޓަނަންސް ފީގެ ގޮތުގައި ކުރިއެކޭ އެއްގޮތަށް 1000 ރުފިޔާ ދައްކަން ޖެހޭނެއެވެ. މެއިންޓެނަންސް ފީ އއެކު ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރިން ނަގަމުން އައިސްފައިވަނީ މަހަކު 8500 ރުފިޔާއެވެ.

Ad by Hajj Corporation
މިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނުނު މުހިންމު ވައުދުފުޅެކެވެ. އެގޮތުން، މިއީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ވައުދު ފުއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ހިމެނޭ މުހިންމު އެއް މަސައްކަތެވެ.
އެހެންކަމުން ހިޔާ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް މިހާރު ވަނީ މައި ހުޅުމާލެ ޕޯޓަލް ލިންކު ބޭނުންކޮށްގެން އެއްބަސްވުމަށް އައިސްފައިވާ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލާ، ފުރިހަމަ ކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވިފައެވެ.
މިކަމުގެ ސަބަބުން ފްލެޓުތަކުގެ ވެރިފަރާތުގެ ލިޔެކިއުންތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.


