ހަނގުރާމަ ހުއްޓާލާފައިވާ ކަމާމެދު އިތުރު ސުވާލެއް: ޔަހޫދީ ދައުލަތުގެ އަންނަ އަހަރުގެ "ދިފާއީ" ބަޖެޓަށް 34.63 ބިލިއަން ޑޮލަރު
5 ޑިސެމްބަރު 2025 - 06:07

ފުރަތަމަ ޑްރާފްޓަށް 6.82 ބިލިއަން ޑޮލަރު އިތުރުކޮށް، އަންނަ އަހަރަށް ޔަހޫދީ ދައުލަތުން 34.63 ބިލިއަން ޑޮލަރުގެ "ދިފާއީ" ބަޖެޓެއް ފާސްކުރުމާއެކު، ހަނގުރާމަ ހުއްޓާލާފައިވާ ކަމާމެދު އިތުރު ސުވާލުތަކެއް އުފެދިއްޖެއެވެ.
އަންނަ އަހަރުގެ ބަޖެޓަށް ގާނޫނު ހަދާ މަޖިލީހުގައި ބަހުސްކުރަން ފަށާފައިވާއިރު، ޔަހޫދީންގެ ދިފާއީ ވަޒީރުގެ އިތުރުން މާލީ ވަޒީރުވެސް ވަނީ މިހާރު އޮތް ފްރޭމްވޯކް އާމެދު ހިތްހަމަޖެހޭކަން ހާމަކޮށްފައެވެ. މާޗު މަސް އަންނަންވާއިރަށް މިހާރު ހުށަހެޅިފައިވާ ބަޖެޓު ފާސް ނުވެއްޖެ ނަމަ، އިންތިހާބަކަށް ދާންޖެހިދާނެއެވެ.

Ad by Hajj Corporation
މިހާރު ހުށަހަޅާފައި އޮތް ބަޖެޓާމެދު ޔަހޫދީންގެ ވަޒީރުންގެ މަޝްވަރާތަކަށް ފަހު، މަޖިލީހުން ނަގާ ފުރަތަމަ ވޯޓަށް ހުށަހަޅާނެއެވެ. ޔަހޫދީންގެ ދިފާއީ ވަޒީރު ވަނީ އެމީހުންގެ ސިފައިން ބޭނުންވާ ކަންކަން ކޮށްދިނުމަށާއި ބަދަލު ސިފައިން ނެރެންޖެހޭ މިންވަރު މަދުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެފައެވެ.
ޔަހޫދީން 2024 ވަނަ އަހަރު "ދިފާއަށް" ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު، ޣައްޒާގައި ހަމާސްއާ ހަނގުރާމަކުރުމަށާއި ލުބްނާނުގައި ޙިޒްބުﷲ އާ ހަނގުރާމަކުރުމަށް ޖުމްލަ 31 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓާމެދު ޔަހޫދީންގެ މާލީ ވުޒާރާއިން ބުނެފައިވަނީ، މި ބަޖެޓަކީ 2023 ވަނަ އަހަރު ހަނގުރާމަ ފެށުނު އިރު އޮތް ބަޖެޓާ ބަލާފަ ވަރަށް ފުރިހަމަ ބަޖެޓެއް ކަމަށާއި، މި ބަޖެޓުގެ ސަބަބުން ޔަހޫދީ ދައުލަތަށް ހަމަޖެހުމާއި ތަމައްދުނު ގެނެސްދޭނެ ކަމަށެވެ.
އަންނަ އަހަރަށް ބޮޑު "ދިފާއީ" ބަޖެޓެއް ޔަހޫދީން ފާސްކުރަން ހިފާފައިވާއިރު، އެމީހުން ވަނީ މިދިޔަ ނޮވެމްބަރު މަހު އެކަނިވެސް ޣައްޒާގައި މަދުވެގެން 175 މީހުން (މަދުވެގެން 52 ކުޑަކުދިން ހިމެނޭ) އަދި ލުބްނާނުގައި މަދުވެގެން 127 މީހުން ޝަހީދުކޮށްލާފައެވެ.
މިހުރިހާ ކަމެއްގެ ތެރެއިން ފަލަސްޠީނަށް ލިބިގެންދިޔަ ކުޑަ ނަމަވެސް ތަސައްލީއަކީ، އެގައުމަށް ޣައްދާރުވެފައިވާ ކަމަށް ހަމާސް އިން ސިފަކޮށްފައިވާ ޕޮޕިއުލަރ ފޯސަސް" ގެ ލީޑަރު، ޔާސިރު އަބޫ ޝަބާބް ރޭގެ ވަގުތެއްގައި މަރާލާފައިވުމެވެ. ނަމަވެސް އޭނާގެ މަރުގެ ޒިންމާ، އެއްވެސް ފަރާތަކުން އަދި ނަގާފައެއް ނުވެއެވެ.


