ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދު، ހޯމަދުވަހު ހުޅުވަނީ
5 ޑިސެމްބަރު 2025 - 08:30

ބޮޑުތަކުރުފާނު މަގުގައި މިހާރު ތަރައްޤީކުރަމުންދާ ސަރަޙައްދުގެ ހުރިހާ މަސައްކަތްތައް ނިންމާ، އަންނަ ހޯމަ ދުވަހު އާއްމުކޮށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީން ބުނެފިއެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށެވެ. އޭގެތެރެއިން މިހާރު މަސައްކަތް ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް އެކެއްގައެވެ. ސެގްމަންޓް އެކެއްގައި ހިމެނޭ 140 މީޓަރުގައި ތާރު އެޅުމުގެ ހުރިހާ މަސައްކަތެއް އިއްޔެ ވަނީ ނިންމާފައެވެ.
އެމްޓީސީސީއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު އެސަރަހައްދުގައި ކުރިއަށްދަނީ މަގުގައި ޓްރެފިކް ނިޝާންތަކުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތަކާއި މަގުގައި ޓްރެފިކް ނިޝާން ކުރެހުމުގެ މަސައްކަތްތަކެވެ. އަދި މި ހުރިހާ މަސައްކަތެއް ނިންމުމަށްފަހު، ހޯމަދުވަހު އެ މަގު ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

Ad by Hajj Corporation
ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހި، ހޯމަ ދުވަހު އާންމުކޮށް ހުޅުވާލުމަށްފަހު ދެން ފަށާނީ އެމަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. މި މަސައްކަތުގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަހައްދެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކުގައި، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރާނެއެވެ.
ފޭސް އެކެއްގައި ހިމެނޭ ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ ފަސް ސެގްމަންޓަކީ ޖުމްލަ 838 މީޓަރެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިއަން ރުފިޔާއަށެވެ.
ސަރުކާރުން ވަނީ މާލެ ސަރަޙައްދުގައި މަގު ހެދުމުގެ ބޮޑު މަޝްރޫޢެއް، ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިއުމަށްވެސް ނިންމާފައެވެ. އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރިއަށެވެ.
މި މަޝްރޫޢު ނިމުމުން، މާލެ ސިޓީގައި ދަތުރުފަތުރުގެ ފަސޭހަތައް އިތުރުވެގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. ޒަމާނީ އަދި ފައިމަގުގައި ހިނގާ މީހުންނަށް ފަސޭހަ މަގުތަކެއް ތަރައްގީކުރެވިގެންދާއިރު، މަގުތައް ފުޅާކުރުމުން ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަވާނެއެވެ. އަދި އާ ސްޓޯމްވޯޓަރ ޑްރެއިނޭޖް ނިޒާމަކުން ބޯކޮށް ވާރޭވެހޭ ހާލަތްތަކުގައި ފެންބޮޑުވުން ކުޑަވެ، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަކަށް އިތުރަށް ރައްކާތެރި އަދި ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީއެއް ކަށަވަރުކޮށްދޭނެއެވެ.


