ފާއިތުވި ދެ އަހަރު، އިސްލާމީ ނޫރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއްކުރިން: ވަޒީރު ޑރ. ޝަހީމް
5 ޑިސެމްބަރު 2025 - 13:33

ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން، އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮއްފައި ކަަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ "މީޑިއާ މައުރަޒު 2025" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
ވަޒީރު ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަކީ ހަޤީގަތުގައިވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި، މީޑިއާ މައުރަޒުގެ ބޭނުމަކީ އެއީކަމަށެވެ.
"މިނިސްޓްރީގެ މަސައްކަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަކީ ހަޤީގަތުގައިވެސް ވަރަށް މުހިންމު ކަމެއް. ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މި ވުޒާރާއިން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮއްފައި." ވަޒީރު ޑރ. ޝަހީމް އަލީ ސައީދު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ ޑިޕާޓްމެންޓުން ހިންގާ އިސްލާމިކް ސްޓޫޑިއޯއިން ވުޒާރާގެ ހުރިހާ ސެކްޝަންތަކަކާއި ގުޅިގެން ބާއްވާ މި މައުރަޒަކީ އެ ވުޒާރާއިން ހާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިންމު މަސައްކަތްތަކާއި، ވުޒާރާގެ ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ. މިއީ މިގޮތުން ބާއްވާ މިފަދަ ދެ ވަނަ މައުރަޒެވެ.
މި މައުރަޒުގެ ތެރެއިން ޒުވާން ޚަތީބުން ޕްރޮގްރާމްގެ ފަސް ވަނަ ބުރަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމްގެ ފަސް ވަނަ ބުރު އޮންނާނީ އަންނަ އަހަރުއެވެ. އަދި ޝެއިހުންނާއި ވަގުތުން ސުވާލުކުރުމުގެ ފުރުޞަތުވެސް މައުރަޒަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.


