ރަމަޟާން މަހުގެ ޙުރުމަތާއި ޤަދަރު ހިފެއްހެއްޓުމަށް ވަޒީރު ޝަހީމް ގޮވާލައިފި
20 ފެބްރުއަރީ 2026 - 04:42

ރަމަޟާން މަހުގެ ޙުރުމަތާއި ޤަދަރު ހިފެއްހެއްޓުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ގޮވާލައްވައިފިއެވެ.
ވަޒީު މިފަދައިން ގޮވާލެއްވީ މި ރަމަޟާންމަހުގެ ފުރަތަމަ އިހްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ. ރޯދަ މަހުގެ ފުރަތަމަ އިޙްޔާ ފޯރްމަ ޚާއްސަ ކޮށްފައިވަނީ "ރަމަޟާން މަހުގެ މަތިވެރިކަން" މި މަޢުޟޫއަށެވެ.
"ރަމަޟާން މަހުގެ މަތިވެރިކަން" މި މަޢުޟޫއަށް ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މި މަހުގެ މާތްކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. ޚާއްސަކޮށް މިމަހަކީ ކީރިތި ޤުރުއާން ބާވާލެއްވި މައްސަރަށްވުމުން އެކަމުގެ މާތްކަމަށާއި އަދި މިމަހުގައި އަންނަ އެންމެ މާތް ރޭ ލައިލަތުލްޤަދުރިވިލޭރޭގެ މާތްކަމަށް ވަޒީރު އަލިއަޅުވާލެއްވިއެވެ.
ވަޒީރު ވަނީ ރަމަޟާން މަހަކީ ދުޢާގެ މޫސުންކަން ފާހަގަކުރައްވާ ދިމާވާ އެކި ދަތިތަކާއި އުނދަގޫތަކާއި އުޚުރަވީ ހަޔާތަށްޓަކައި ކުރާ އުންމީދުތަކުގެ ވާހަކަ ﷲ ސުބްހާނަހޫ ވަތަޢާލާއަށް ދެންނެވުމަށް ނަޞޭހަތްތެރިވެފައެވެ. އެގޮތުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމްގެ މާތް ސުންނަތުން ވަރަށް ގިނަ ދުއާތައް އުނގަންނަވައިދެއްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ މިފަދަ ދުޢާތަކުން އިލްހާމްކޮށްދެނީ ﷲ ސުބުހާނަހޫ ވަތަޢާލާއައި އެކަލާނގެ އަޅާއާ ދެމެދު އޮންނަންވީ ވަރުގަދަ ގުޅުންކަމަށާއި އެ ގުޅުން ޤާއިމްކޮށްފިނަމަ ބާއްޖަވެރިކަން ދެއްވާނެކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވަނީ ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް ހެޔޮގޮތުގައި ހޭދަކުރުމަށް އަޒުމް ކަނޑައެޅުމަސް ގޮވާލައްވާފައެވެ.
ރޯދައަކީ ދަތި އުނދަގޫ އަޅުކަމެއް ނޫންނަކަމަށާއި ރޯދަ ފަރުޟު ކުރައްވާފައިވަނީ ހެޔޮ ހާލުގައި ހާޒިރުވެ ރަށުގައި ހުރި މީހަކަށް، ދަތުރުވެރިޔާއަށް ލުއިފަސެހަކޮށްދެއްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation
ވަޒީރު ވިދާޅުވި ގޮތުގައި، ފަހުން ގަޟާކުރާ ގޮތަށް މާބަނޑުމީހާއަށްވެސް ރޯދަ ދޫކޮށްލުމުގެ އިޚުތިޔާރު ދެއްވާފައިވެއެވެ. އަދި ކިރުމަޔަށްވެސް ރޯދަ ފަހުން ހިފާގޮތަށް ދޫކޮށްލުމުގެ އިޚުތިޔާރު ދިފައިވާ ކަމަށާއި ވަރަށް ގިނަ ލުއިތައް ލައްވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކައިގައި ވަނީ ރަމަޟާން މަހުގެ ޙުރުމަތާއި ޤަދަރު ހިފެއްހެއްޓުމަށް ގޮވާލައްވާފައެވެ. މިއީ އިސްލާމީ އަޤީދާއާއި އިސްލާމީ ސަޤާފަތާއި އުންމަތުގެ މަތިވެރި މޫސުމެއްކަން ހަނދާނުގައި ބެހެއްޓުމަށް ގޮވާލައްވާ ވަޒީރު ވަނީ ޚާއްސަކޮށް ފަތުރުވެރިކަން އޮތް ރަށްތަކުގެ ރައްޔިތުން މިކަމާ މެދު ޚާއްސަ ސަމާލުކަމެއް ދިނުމަށް ނަޞޭހަތްތެރިވެފައެވެ. އެގޮތުން ފަތުރުވެރިކަން އޮތް ރަށްތަކުގައި ދުވާލުގެ ވަގުތުތަކުގައި ރެސްޓޯރެންޓްތައް ހުޅުވައިގެން ހާމަކަން ބޮޑު ގޮތުގައި ފަތުރުވެރިންނަށް ކާން ދިނުން ހުއްޓާލުމަށް ގޮވާލެއްވިއެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތް ދޭނަމަ އެމީހުން ތިބޭ ތަނެއްގައި އެކަމަށް ޚާއްސަ އިންތިޒާމެއް ހަމަޖެއްސިދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރަމަޟާން މަހުގެ މަތިވެރިކަމާއި ޙުރުމަތަށް އުނިކަމެއް އަންނާނެ ފަދަ ގޮތަކަށް އެކަންކަން ކުރިއަށްގެންދިޔުމަކީ ހުއްދަވާނެކަމެއް ނޫންކަމަށާއި މިކަމާ ގުޅޭ ޤާނޫނާއި ޤަވާއިދުތައް ހުރިއިރު ކައުންސިލުތަކުން އެ ޤަނޫނުތަކާއި ޤަވައިދުތައް ތަންފީޒް ކުރަން ޖެހޭނެކަމަށް ވިދާޅުވިއެވެ.
ވަޒީރު ވަނީ ފަހަކަށް އައިސް ހުކުރު ދުވަހު ހުކުރު ވަގުތުގައި ރެސްޓޯރެންޓްތައް ހުޅުވާ، ކުޅިވަރުގެ މައިދާންތަކާއި މޫދުގަވެސް އާއިލާތައް ވަގުތު ހޭދަކުރަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވަޒީރުގެ ވާހަކަ ނިންމަވާލެއްވީ ކީރިތި ޤުރުއާން ދައްކާ މަގުން އެއްކިބާ ވެއްޖެނަމަ އަޅުގަނޑުމެންނަށް އޮތީ އަބާއްޖަވެރިކަން ފާހަގަކުރައްވަމުންނެވެ. އަދި ރަމަޟާން މަސް ހޭދަކުރަންވީ މާތް ﷲ ރުހިވޮޑިގެންވާ ގޮތަށާއި ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވި ގޮތަށްކަމަށް ވިދާޅުވިއެވެ.


