logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފީފާ ވޯލްޑްކަޕް 2026، ގްރޫޕް ޖޭ: އާޖެންޓީނާއަށް ލައްވާލި ނަސީބެއް؟ ފީފާއިން ދިން ހަދިޔާެއެއް؟

އިސްމާޢިލް ރާތިޢު
6 ޑިސެމްބަރު 2025 - 06:35
ފީފާ ވޯލްޑްކަޕް 2026، ގްރޫޕް ޖޭ: އާޖެންޓީނާއަށް ލައްވާލި ނަސީބެއް؟ ފީފާއިން ދިން ހަދިޔާެއެއް؟

އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕުގެ ގުރު، ރޭ ނެގިގެންދިއުމާއެކު އަނެއްކާވެސް މިވަނީ އެތަކެއް ފާޑުކިއުމެއް ފީފާއަށް އަމާޒުވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް، ފީފާގެ ސުލްހައިގެ އެވޯޑެއް ދިނުމާއި ގުރުނެގުމުގައި މެކްސިކޯގެ އެތުލީޓެއް ބައިވެރި ނުކުރުމާއި މިނޫނަސް އެތައް ކަމެކެވެ. ނަމަވެސް އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކަށް ވާނީ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ހިމެނޭ ގްރޫޕް ޖޭ އެކުލެވިފައިވާ ގޮތެވެ.

މި ގްރޫޕުގައި އާޖެންޓީނާގެ އިތުރުން ދެން ހިމެނެނީ އަލްޖީރިއާ، އޮސްޓްރިއާ އަދި ޖޯޑަންއެވެ. މި ގްރޫޕަށް ބަލާލުމުން ސިފަވަނީ ކުޑަކުއްޖަކަށް ގަނެދީފައި އޮތް ކުޅޭ ސެޓެކެވެ. މިހެން ދަންނަވަން ޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ. މީގެން ކޮންމެ ޓީމަކަށް ބަލާލިނަމަވެސް ދުނިޔޭގެ މަތީފެންވަރުގައި މިނާލެވޭ ކްލަބެއްގައި، ނުވަތަ މުބާރާތެއްގައިވެސް ކުޅެފައިވަނީ އަތުގެ އިނގިލިތަކުން ގުނާލެވޭހައި މަދު ކުޅުންތެރިންތަކެކެވެ. ތަފްސީލުކޮށް މިކަމަށް ބަލާލަމާ ހިންގަވާށެވެ. ލިއުން ވީހާވެސް ކުރު ކުރުމުގެ ބޭނުމަށް، ކޮންމެ ގައުމަކުންވެސް ތަފްސީލުކޮށް ބަލާލާނީ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގްރޫޕް ޖޭގެ ދެވަނަ މަގާމުގައި ފަށަން ގުރުން ދިމާވީ އަލްޖީރިއާއެވެ. އަލްޖީރިއާގެ ސްކޮޑަށް ނަޒަރު ހިންގާލާއިރު އެންމެ ފުރަތަމަ އަޅައިގަންނަނީ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީގެ ވާތް ފަޅިން ފަހަތުގައި ހަރަކާތްތެރިވާ ޒުވާން ޑިފެންޑަރު، ރަޔަން އެއިތް-ނޫރީގެ ނަމުގައެވެ. މިއަހަރުގެ ޖޫން މަހު އެކުލަބާ ގުޅުނު އުމުރުން 24 އަހަރުގެ އެއިތް-ނޫރީ އެންމެ ފުރަތަމަ ކުޅެފައިވަނީ ފްރާންސްގެ އެންގަރސް ސްޕޯޓިންގ ކްލަބުގެ ޖޫނިއަރ ޓީމަށެވެ. އެއަށްފަހު އެ ކްލަބުގެ ސީނިއަރ ޓީމަށް ކުޅުމަށްފަހު އެއިތް-ނޫރީ އިނގިރޭސިވިލާތަށް ކުޅުން ބަދަލުކުރީ ވުލްވެރަމްޓަނާ އެކުއެވެ. އަޖްޖީރިއާގައި ހިމެނޭ އިތުރު ކުޅުންތެރިންނަށް ބަލާއިރު، ރިޔާދް މާރެޒް، ސައީދު ބެންރާމާ އަދި ނަބީލް ބެންތަލެބްގެ ނަން ފާހަގަކޮށްލެވެއެވެ.

އަލްޖީރިއާއަށްފަހު އޮސްޓްރިއާ އަށް ބަލާލަމާތޯއެވެ. ހަމަ ގައިމުވެސް އޮސްޓްރިއާގެ ނަން އިވުނީމަ އަޅައިގަންނާނެ ނަމަކަށް ވާނީ ޔޫރަޕުގެ ރަސްގެފާނު، ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުންދާ އުމުރުން 33 އަހަރުގެ ސެންޓަރ-ބެކް، ޑޭވިޑް އަލާބާގެ ނަމެވެ. އޮސްޓްރިއާ ވިއެނާގެ ރިޒަރވް ޓީމުން ކެރިއަރު ފަށާ، ޖަރުމަނުގެ ހޮފެންހައިމްގެ އިތުރުން ބަޔަރން މުނިކަށްވެސް ކުޅެފައިވާ އަލަބާއަކީ ހަމައެކަނި ސެންޓަރ-ބެކެއް ނޫނެވެ. ފަހަތު ރޮނގުގެ ކޮންމެ ހިސާބެއްގެ އިތުރުން މެދުތެރެއަށްވެސް ފައްކާ، ޑޭވިޑް އަލާބާއަކީ އާޖެންޓީނާގެ ބައެއް ކުޅުންތެރިންނަށްވުރެން ވެސް ތަޖުރިބާކާރު ކުޅުންތެރިއަކަށް ވާނެއެވެ. ނަމަވެސް ކެޔޮޅު ކިތަންމެ މޮޅުކަމުގައި ވީނަމަވެސް އޭނާގެ ދަށުން މަސައްކަތްކުރާ ފަޅުވެރިންގެ ހިތްވަރެއް ނެތްނަމަ ބޭނުންވާ މިސްރާބަށް ވާސިލުނުވެ ހިނގައިދާނެތާއެވެ. އަލަބާގެ އިތުރުން އޮސްޓްރިއާ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ މާސެލް ސަބިޓްޒަރ އަދި މާކޯ އަރްނާޓޮވިޗްގެ ނަން ފާހަގަކުރެވެއެވެ.

ގްރޫޕް ޖޭގެ އެންމެ ފަހު ޓީމަކަށް އޮތީ އުރުދުން، ނުވަތަ ޖޯޑަން އެވެ. އެގައުމުން ފާހަގަކޮށްލަން ބޭނުންވަނީ ފްރާންސްގެ ސްޓޭޑް ރެނޭއަށް ކުޅެމުން އަންނަ ވިންގަރ، މޫސާ ތަމާރީއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 70 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ދެން އޮތީ އާޖެންޓީނާގެ ވާހަކައެވެ. އެންމެ ފަހަތުން ފެށިގެން އެންމެ ކުރިއަށް ބެލިނަމަވެސް ޔޫރަޕުގެ އެންމެ މަތީ ފެންވަރުގައި ކުޅެމުން އަންނަ، އެކުޅުންތެރިންގެ ކްލަބުތަކުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ، ނުވަތަ އަދާކޮށްފައިވާ ތަރީންނެވެ. ގޯލުގައި، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ކީޕަރު އެމީ މާޓިނޭޒް އެވެ. ޑިފެންސަށް ބަލާއިރު މާކޯސް ސެނެސީ، ކްރިސްޓިއަން ރޮމޭރޯ، މާކޯސް އަކުންޏާ އަދި ހުއާން ފޮއިތު ފަދަ ކުޅުންތެރިންނެވެ. މެދުތެރޭގައި އެންޒޯ ފަރނަންޑޭޒް، އެލެކްސިސް މެކްއެލިސްޓަރ، ޖިއޮވާނީ ލޮސެލްސޯ އަދި ރޮޑްރިގޯ ޑި ޕޯލް އެވެ. ކުރިއަށް ބަލާއިރު، ލިއޮނެލް މެސީ އަދި ލިސަންޑްރޯ މާޓިނޭޒް ފަދަ ކުޅުންތެރިންނެވެ.

އިއްތިފާގެއްބާއެވެ؟ އާޖެންޓީނާގެ ނަސީބު ހަމަ ރަނގަޅީބާއެވެ؟ އެހެންވީރުން ދުނިޔޭގެ އެންމެ ނަސީބު ރަނގަޅު އެއް ޓީމަށް އާޖެންޓީނާ ވާނެއެވެ. 2022 ވަނަ އަހަރުގެ މުބާރާތަށް ބެލިނަމަވެސް މިކަން ފެންނާނެއެވެ. ކޮންމެ މެޗެއްގައި ޕެނަލްޓީއެއް ލިބުނެވެ. އެހެން ޓީމަކަށް ޕެނަލްޓީއެއް ލިބޭތޯ ކަށަވަރުކުރަން ހަތަރު ފަސް މިނެޓު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އާ މަޝްވަރާކުރުމަށް ހޭދަވެއެވެ. ނަމަވެސް ފައިނަލް މެޗު ފެށިގެން ގިނައިރުތަކެއް ނުވެ، އާޖެންޓީނާގެ އެންހެލް ޑީ މަރިއާ ޕެނަލްޓީ އޭރިއާތެރެއަށް ވެއްޓުމާ، ކެޕްޓަން ލިއޮނަލް މެސީ ބޯޅަ ފޮނުވާލުމާ ދެމެދު ދެ މިނެޓެއްހާއިރުވެސް ނުވާނެއެވެ. ވީއޭއާރް ބެލެން އޮތްކަން ރެފްރީގެ ހަނދާނުގައިވެސް ނެތްކަހަލައެވެ.

މިކަން އެކަންޏެއް ނޫނެވެ. ގުރުނެގުން ފެށުނީވެސް އަޖައިބެއް ކަހަލަ އިއްތިފާގަކުންނެވެ. މުބާރާތް ހޯސްޓުކުރާ ތިން ގައުމު ސީޑުކުރުމަށް ސްޓޭޖަށް ގެނެއީ ތިން ގައުމުގެވެސް ވެރީންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މެކްސިކޯގެ ރައީސާ ކްލައުޑިއާ ޝެއިންބައުމް އަދި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީއެވެ. މެކްސިކޯގެ ރައީސާއަށް ދިމާވީ މެކްސިކޯގެ ނަން އޮތް ގަނޑުކޮޅެވެ. ކެނެޑާގެ ބޮޑުވަޒީރަށް ކެނެޑާގެ ނަމެވެ. އެމެރިކާގެ ރައީސަށް އެމެރިކާގެ ނަމެވެ. މިވެސް ހަމަ ނަސީބަކުންބާއެވެ؟

ކޮންމެއަކަސް ފީފާއިން އާޖެންޓީނާއަށް، އަދި ވަކިން ހާއްސަކޮށް ކެޕްޓަން ލިއޮނަލް މެސީއަށް "ފޭވަރ" ކުރާ ވާހަކައަކީ އިއްޔެއަކު މިއަދަކު. ދެތިން މީހަކު ދައްކާ ވާހަކައެއް ނޫނެވެ. މެސީގެ ގިނަ ބެލޮން ޑި އޯރ އެވޯޑުތައްވެސް މެސީއަށް ލިބިފައިހުރީ ނާއިންސާފުންކަމަށް ދެކޭ ފަރާތްތައް ވެސް މަދެއް ނޫނެވެ.

އަންނަ އަހަރުގެ ވޯލްޑްކަޕް ކުރިއަށްދާނީ ޖޫން މަހުގެ 11 ވަނަ ދުވަހުން ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ފުރަތަމަ މެޗުގައި، މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގައި އެގައުމު ނިކުންނާނީ 2010 ވަނަ އަހަރުގެ ހޯސްޓު، ދެކުނު އެފްރިކާއާ ދެކޮޅަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީފާ ވޯލްޑްކަޕް 2026، ގްރޫޕް ޖޭ: އާޖެންޓީނާއަށް ލައްވާލި ނަސީބެއް؟ ފީފާއިން ދިން ހަދިޔާެއެއް؟ކުޅިވަރު | 2 ގަޑިއިރު ކުރިން ފީފާ ވޯލްޑްކަޕް 2026 ގެ ގުރުލައިފި، ފައިނަލުގެ ކުރިން އާޖެންޓީނާއާ ޕޯޗުގަލް ވާދަކުރަންޖެހިދާނެ!ކުޅިވަރު | 6 ގަޑިއިރު ކުރިންޓްރަމްޕް ޝަރަފުވެރިކޮށްދެއްވާ ވޯލްޑްކަޕްގެ ގުރުއަތުލުން އަންނަ ހުކުރުދުވަހުކުޅިވަރު | 3 ދުވަސް ކުރިންގޯޓް މެސީ ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ގިނަ އެސިސްޓް ހެދުމުގެ ރެކޯޑް މުގުރާލައިފިކުޅިވަރު | 6 ދުވަސް ކުރިން