ހުޅުމާލޭގައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނެގުމުގެ ޕްރޮގްރާމެއް ފަށައިފި
6 ޑިސެމްބަރު 2025 - 06:45

ހުޅުމާލެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ ހުރި ބޭނުން ނުކުރާ އުޅަނދުތަށް ނެގުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމުގެ ދަށުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލޭގެ މަގުތަކާއި އެކި ސަރަހައްދުތަކަށް ދޫކޮށްފައިވާ އުޅަނދުތައް ނެގުމުގެ ޕްރޮގްރާމް ފަށްޓަވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. ހުޅުމާލެ ފޭސް 2 ޓޯވް ޔާޑް ސަރަހައްދުގައި ބޭއްވި ރަސްމިއްޔަތުގައި ވަޒީރު މުޙައްމަދު އަމީންގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހެއިރުގެ އިތުރުން އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި ދިވެހި ފުލުހުން ޚިދުމަތް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އެޗްޑީސީ ހިމެނޭހެން ސަރުކާރު ހިއްސާވާ 9 ކުންފުންޏަކާއި ޕަބްލިކް ވޯކްސްއިން ބައިވެރިވެއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ހުޅުމާލޭގެ ދެ ފިޔަވަހީގެ އެކި މަގުތަކާއި ބިންތަކަށް ދޫކޮށްލާފައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނަގާނެއެވެ.

Ad by Hajj Corporation
މިއީ ހުޅުމާލޭގެ މަގުތަށް ބޭނުން ކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ހުޅުމާލޭ މަގުމައްޗަށް މިގޮތަށް ދޫކޮށްލާފައި ހުންނަ އުޅަނދުތަކުގެ ސަބަބުން އުނދަގޫވާކަމުގެ ޝަކުވާ، އާންމުންގެ ފަރާތުން ހުއްޓުމެއްނެތި ލިބޭކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
މި ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ދެއްކެވި ވާހަކައިގައި، އެއްވެސް ހަމައެއްނެތި އުޅަނދުތައް މަގުމައްޗަށް ދޫކޮށްލާފައިހުރުމުން، ޕާކުކުރުމުގެ އިތުރުން މަގުތައް ބޭނުންކުރުމުގައި ގިނަ ދަތިތަކަކާ ކުރިމަތިވާކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން، ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތައްވެސް މަގުމައްޗަށް ދޫކޮށްލާފައި ހުންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރު ފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، މި މަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހު އެކަނިވެސް، ހުޅުމާލެއިން 51 ވެހިކަލް ޓޯކޮށްފައިވެއެވެ. އެއީ ހަތަރު ފުރޮޅުލީ 4 އުޅަނދާއި ދެ ފުރޮޅުލީ 45 އުޅަނދެވެ.
މި 51 އުޅަނދުގެ ތެރެއިން 41 އުޅަނދަކީ ގަވައިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން ޓޯކުރި އުޅަނދުތަކެކެވެ.
މީގެއިތުރުން އެ ދެ ދުވަހު އެކަނި، މާލެއިން ވެސް 91 އުޅަނދު ޓޯކޮށްފައިވެއެވެ. އެއީ ހަތަރުފުރޮޅުލީ 15 އުޅަނދާއި ދެ ފުރޮޅުލީ 76 އުޅަނދެވެ.
ހުޅުމާލެ އެކި ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައިވާއިރު، މި ޕްރޮގްރާމްގެ ދަށުން ނެގޭ އުޅަނދުތަކާމެދު އަމަލުކުރާނީ ގާނޫނާއި ގަވައިދުތަކުގެ ތެރެއިންކަމުގެ ޔަގީންކަން ފުލުހުން ދީފައިވެއެވެ. އެގޮތުން، ޕްރޮގްރާމް ފެށުމުގެ ކުރިން، އުޅަނދުތައް ނެގުމަށް އަންގާފައިވާނެ ކަމަށާއި މި ޕްރޮގްރާމްގެ ދަށުން ޓޯކުރާ އުޅަނދުތަކާމެދުވެސް އަމަލުކުރާނީ ފުލުހުން އާންމުކޮށް ޓޯކުރާ އުޅަނދުތަކާމެދުވެސް އަމަލުކުރާ އުސޫލުން ކަމަށް ފުލުހުން ބުނެފައިވެއެވެ.


