މެޑްރިޑުން ސުޕްރީމްކޯޓުގައި ލަލީގާއާއި ދެކޮޅަށް ކުރި ދަޢުވާ ކާމިޔާބުވެއްޖެ، ބަދަލުގައި 88 މިލިޔަން ޔޫރޯ
7 ޑިސެމްބަރު 2025 - 10:48

ސްޕެއިންގެ ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމި ތާރީޚީ ނިންމުމަކާއެކު، ރެއަލް މެޑްރިޑުން ވަނީ 2015-16 ވަނަ ސީޒަންގެ އޯޑިއޯވިޝުއަލް (ޓީވީ) އާމްދަނީ ބަހާނެ ގޮތާ ގުޅޭގޮތުން ލަލީގާއާ ދެކޮޅަށް ކުރަމުންދިޔަ ދިގު ޤާނޫނީ ހަނގުރާމަ ކާމިޔާބުކޮށްފައެވެ. މި ނިންމުމަށް ރެއަލް މެޑްރިޑުން ވަނީ ވަރަށް ބޮޑަށް މަރުޙަބާ ކިޔާފައެވެ.
ސްޕެއިނުގެ ސުޕްރީމްކޯޓުން އިއުލާނުކުރި ކޯޓުގެ ނިންމުމުގައި ވަނީ، ލަލީގާގެ ގަވާއިދުތަކަށް 2015 ވަނަ އަހަރު އިތުރުކުރި ދެވަނަ އިތުރު ބަދަލު (Second Additional Provision) ބާޠިލުކޮށްފައެވެ. ކޯޓުން ބުނި ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ޤާނޫނީ ހުއްދައެއް ނެތި ކަމަށާއި، އެ ބަދަލުގެ މަޤްޞަދަކީ ކްލަބުތަކަށް ޓީވީ އާމްދަނީ ބަހާނެ ގޮތުގެ ކުރިން އޮތް ނިޒާމަށް ބަދަލު ގެނައުން ކަމަށެވެ. ރެއަލް މެޑްރިޑުން ކުރިން ވެސް ބުނަމުން އައީ މި އަމަލަކީ ޤާނޫނާ ޚިލާފު އަމަލެއް ކަމަށެވެ.

Ad by Hajj Corporation
މި ނިންމުމުގެ ސަބަބުން، އެ ސީޒަންގައި ފައިސާ ބަހަން ޖެހޭނެ ހަމައެކަނި ޞައްޙަ މޮޑެލަކީ ކުރިން އޮތް ގޮތް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެއީ:
- ފަސްޓް ޑިވިޝަން ކްލަބުތަކަށް އޯޑިއޯވިޝުއަލް އާމްދަނީގެ 60%
- ސެކަންޑް ޑިވިޝަން ކްލަބުތަކަށް 40%
- އަދި ކޮންމެ ޑިވިޝަނެއްގެ ޓީމުތަކަށް ހަމަހަމައަށް ފައިސާ ބެހުން
ކްލަބުތަކަށް 88 މިލިއަން ޔޫރޯ ލިބޭނެ
2015 ވަނަ އަހަރުގެ ބަދަލު ބާޠިލުވުމާ ގުޅިގެން، ލަލީގާއިން މިހާރު ޖެހޭނީ ޤާނޫނީ ގޮތުން ކަނޑައަޅާފައިވާ ބެހުމުގެ ނިޒާމުގެ ދަށުން އަސަރުކުރި ހުރިހާ ކްލަބުތަކަށް ބަދަލު ދޭށެވެ. މީގެ ސަބަބުން 2015-16 ވަނަ އަހަރުގެ ސެގުންޑާ ޑިވިޝަންގައި ބައިވެރިވި އަލަވޭސް، ޖިރޯނާ، ރެއަލް ޒަރަގޯޒާ، ރެއަލް އޮވިއެޑޯ، ޓެނެރީފް، ހުއެސްކާ، އޮސަސޫނާ، އަދި ލެގަނޭސް ފަދަ ކްލަބުތަކަށް ޖުމްލަ ގޮތެއްގައި ގާތްގަނޑަކަށް 88 މިލިއަން ޔޫރޯ ލިބޭނެއެވެ.
މީގެ އިތުރުން، ރެއަލް މެޑްރިޑަށް ވެސް ގާތްގަނޑަކަށް 8.8 މިލިއަން ޔޫރޯގެ އިތުރު ފައިސާ ލިބޭނެއެވެ. އެ ކްލަބުން ބުނާ ގޮތުގައި، މި ފައިސާއަކީ ޤާނޫނާ ޚިލާފަށް ހެދި ބެހުމުގެ ނިޒާމުގެ ސަބަބުން އެ ކްލަބަށް ނުލިބި ހުރި ފައިސާއެވެ.
\n
ރެއަލް މެޑްރިޑްގެ ބަޔާން: ޤާނޫނީ ހަމަތައް އަލުން ޤާއިމުކުރުން
ސުޕްރީމް ކޯޓުގެ މި ނިންމުމަކީ ލަލީގާއިން ހުށަހެޅި އިސްތިއުނާފު ފުރިހަމައަށް ބަލައިނުގަތް ނިންމުމެކެވެ. މީގެ ކުރިން ނޭޝަނަލް ހައި ކޯޓުން ވެސް ރެއަލް މެޑްރިޑްގެ ދައުވާއަށް ތާއީދުކޮށްފައިވެއެވެ. ރެއަލް މެޑްރިޑުން މި ނިންމުމަށް ސިފަކޮށްފައިވަނީ ހަމައެކަނި އެ ކްލަބަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި ނޫން ކަމަށާއި، ސްޕެއިންގެ ޕްރޮފެޝަނަލް ފުޓްބޯޅައިގެ އެންމެހާ އޮނިގަނޑަށް ލިބުނު މުހިންމު ކާމިޔާބެއްގެ ގޮތުގައެވެ. ކްލަބުން ބުނީ، މި ނިންމުމުގެ ސަބަބުން "ޤާނޫނީ ހަމަތައް އަލުން ޤާއިމުކުރެވި"، ކުޅިވަރަށް އަސަރުކުރާ ނިންމުންތައް ނިންމުމުގައި ޝައްފާފުކަމާއި ހުރިހާ ޤާނޫނުތަކަށް ތަބާވުން ކަށަވަރުވާނެ ކަމަށެވެ.
މި ނިންމުމުގެ ސަބަބުން ސެގުންޑާ ޑިވިޝަންގެ ކްލަބުތަކަށް ދާއިމީގޮތުން މާލީ ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ރެއަލް މެޑްރިޑާއި ލަލީގާއާ ދެމެދު މިހާރު ވެސް ވަރަށް ބޮޑަށް ގުޅުން ދާދި ދެރަވެފައިވާ ދެ ފަރާތުގެ މެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.


