އާއަހަރު ފާހަގަ ކުރަން ޑްރޯން ޝޯއެއް ބާއްވަނީ
7 ޑިސެމްބަރު 2025 - 12:01

2026 ވަނަ އަހަރުގެ އާ އަހަރު ފާހަގަކުރުމުގެ ގޮތުން ޚާއްސަ ޑްރޯން ޝޯއެއް ބޭއްވުމަށް ވިޒިޓް މޯލްޑިވްސް އިން ނިންމައިފިއެވެ.
މި ޝޯ ބާއްވައިދޭނެ ފަރާތެއް ހޯދުމަށް އެ ކޯޕަރޭޝަނުން ވަނީ އިއުލާނުކޮށްފައެވެ.

Ad by Hajj Corporation
ވިޒިޓް މޯލްޑިވްސް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، 2026 ވަނަ އަހަރުގެ އާ އަހަރު ފާހަގަކުރުމަށް ބާއްވަން ހަމަޖެހިފައިވާ ޑްރޯން ޝޯ ބާއްވައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ސެޝަނެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޑިސެމްބަރ 16 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އެވެ. ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ވިޒިޓް މޯލްޑިވްސްގެ އޮފީސް، ހ.ޒޮނޭރިއާގެ ހަތަރުވަނަ ފަންގިފިލާއަށް ހާޒިރުވާން ޖެހެނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2025 ޑިސެމްބަރ 14 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން procurement@visitmaldives.com އަށް އީމެއިލް ކުރެއްވުމަށް ވެސް އެކުންފުނިން ވަނީ އެދިފައެވެ.


