55 ކައުންސިލް އިމާރާތް އަންނަ ޖޫން މަހަށް ނިންމަނީ
7 ޑިސެމްބަރު 2025 - 12:34

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ބިނާކުރާ 55 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢު އަންނަ ޖޫންމަހުގެ ނިޔަލަށް ނިންމައި ކައުންސިލްތަކަށް ތަޅުދަނޑި ހަވާލު ކުރެވޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މި މަޝްރޫއުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކައުންސިލް އިދާރާތައް އިމާރާތްކުރުމަށް ހިންގާ މަޝްރޫއުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަމަށެވެ.

Ad by Hajj Corporation
އިތުރަށް ވަޒީރު ވިދާޅުވީ އަންނަ ޖޫންމަހުގެ ނިޔަލަށް މި މަސައްކަތް ނިންމާލައި ކައުންސިލްތަކާ ތަޅުދަނޑި ހަވާލުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އިމާރާތްތައް ބާވުމާއި ޖާގައިގެ ދަތިކަމާ ހުރެ ހިންގުމުގައި ދަތިތަކެއް ހުރުމުން ކައުންސިލްތަކުން ދަނީ އައު އިމާރާތެއް ގާއިމުކޮށްދިނުމަށް އެދެމުންނެވެ. އެއާއެކު ބާވެ ވީރާނާވެފައިހުރި ކައުންސިލް އިމާރާތްތައް ޒަމާނާ އެއްގޮތަށް މަރާމާތުކުރުމަކީ ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.
55 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢު ހިނގަމުންދާ ރަށްތައް:
ހއ އަތޮޅު: ތުރާކުނު، މާރަންދޫ
ހދ އަތޮޅު: ނޮޅިވަރަމްފަރު، ނައިވާދޫ
ށ އަތޮޅު: ފޯކައިދޫ
ނ އަތޮޅު: މާފަރު، ހޮޅުދޫ
ރ އަތޮޅު: އިނގުރައިދޫ، އިންނަމާދޫ
ބ އަތޮޅު: ކެންދޫ، މާކުރަތު
ޅ އަތޮޅު: ނައިފަރު، ހިންނަވަރު
ކ އަތޮޅު: ގުޅި
އއ އަތޮޅު: ތޮއްޑޫ، ރަސްދޫ
އދ އަތޮޅު: ހަންޏާމީދޫ، އޮމަދޫ، ދަނގެތި
ވ އަތޮޅު: ކެޔޮދޫ
މ އަތޮޅު: ދިއްގަރު
ފ އަތޮޅު: ނިލަންދޫ، މަގޫދޫ
ދ އަތޮޅު: މީދޫ، ހުޅުދެލި
ތ އަތޮޅު: ވިލުފުށި، ކިނބިދޫ
ލ އަތޮޅު: ހިތަދޫ، މާމެންދޫ
ގއ އަތޮޅު: ދެއްވަދޫ، ކޮލަމާފުށި
ގދ އަތޮޅު: ވާދޫ، ފިޔޯރީ
ޏ އަތޮޅު: ފުވައްމުލައް
ސ އަތޮޅު: ހުޅުދޫ، މީދޫ
ލާމަރުކަޒީ ނިޒާމު ހިންގުން ހަރުދަނާކޮށް ރަށްރަށަށް ބާރުވެރިކަން ދިނުމާއެކު ކައުންސިލްތައް ބާރުރިކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.


