ޒަކާތު ބެނެފިޝަރީ ކާޑެއް ތައާރަފުކުރަނީ
7 ޑިސެމްބަރު 2025 - 13:49
.jpg&w=1920&q=75)
ފަގީރުންގެ ދަފްތަރުގައި ތިބި މީހުންނަށް ހާއްސަކޮށްގެން ޒަކާތު ބެނެފިޝަރީ ކާޑުގެ ނަމުގައި ހާއްސަ ކާޑެއް އިފްތިތާހުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މި ކާޑު ތައާރަފުކުރުމަށް ނިންމާފައިވަނީ ގައުމީ ބޭންކް- ބީއެމްއެލްއާ ޒަކާތު ހައުސް ގުޅިގެންކަމަށެވެ.

Ad by Hajj Corporation
އަންނަ ޖެނުއަރީމަހު ތައާރަފުކުރުމަށް ނިންމާފައިވާ މި މި ކާޑުގެ އެންމެ މުހިންމު ބޭނުމަކީ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ ނިޒާމު ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް، ފަސޭހަކޮށްލުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޒަކާތު ޤަނޫނާއި ގުޅޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ޒަކާތު ހައުސް އުފެއްދެވުމަށާއި، ޒަކާތަށް ޚާއްސަ ޤާނޫނެއް އުފެއްދެވުމަށާއި، ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރެއްވުމަށް ހިމަނުއްވާފައިވާކަމަށް ވިދާޅުވެފައެވެ.
އަދި ދައުރުގެ ވަރަށް ކުރީކޮޅު ޒަކާތަށް ޚާއްސަ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފައްދަވާ، ޒަކާތު ހައުސްއިން އާއްމުން ޒަކާތަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރި މަސައްކަތުން ފާއިތުވެދިޔަ ދެ އަހަރަކީ ޒަކާތުގެ ނިޒާމުގައި ފާހަގަކޮށްލެވޭ ދެ އަހަރަށް ވެގެންގޮސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ފާއިތުވެދިޔަ 2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބި، ތާރީޚުގެ ތެރެއަށް ވަދެފައިވާކަމަށާއި މިކަމުން އެނގިގެންދަނީ ޒަކާތުގެ ނިޒާމާއި މެދު އާއްމުންގެ ފުރިހަމަ އިތުބާރު އޮތްކަން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޮނިހިރު ދުވަހު ތަސްދީޤު ކުރެއްވި ޒަކާތު ޤާނޫނަކީ އެންމެ ފަހުގެ އިސްލާމީ ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ ޤާނޫނެއްކަމަށާއި، މި ޤާނޫނާއެކު ޒަކާތުގެ ނިޒާމަށް އިތުރު ހަރުދަނާކަމާއި ކުރިއެރުން ލިބިގެންދާނެކަމަށެވެ. މި ޤާނޫނާއެކު ޒަކާތު ހައުސްއަށް ޤާނޫނީ ބާރުވެރިކަން ލިބި، ޒަކާތާއި ގުޅޭ ކަންކަން ތަފްސީލްކަމާއެކު ޤާނޫނުގައި ހިމެނިފައިވުމަކީ ޒަކާތުގެ ނިޒާމަށް ލިބުނު ފަސޭހައެއްކަމުގައި ވަޒީރު ވިދާޅުވިއެވެ.
ޒަކާތުގެ ޤާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އުކުލަވާލާފައިވާ ޤާނޫނެކެވެ. އަދި ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް ޤާނޫނުގެ މަޤުޞަދެކެވެ.


