މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނިމިއްޖެ
8 ޑިސެމްބަރު 2025 - 09:31

މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލުމުގެ މައިގަނޑު މަގްސަދަކީ، އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމެވެ.

Ad by Hajj Corporation
މަސްވެރިންގެ ޤައުމީ ދަފުތަރުގެ އިތުރުން ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި، ރިކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމަށްމަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ އިތުރަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކާއި އަލަށް މަސްވެރިކަމަށް ނިކުންނަ ފަރާތްތައް ރަޖިސްޓްރީކުރުމުގެ މަސައްކަތްކަމަށެވެ.
މި ދަފްތަރު އެކުލަވާލުމުގެ ނަތީޖާއަކަށް ވާނީ، އެހެން އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެކޭ އެއްގޮތަށް މަސްވެރިންނަކީވެސް ދައުލަތާއި، ބޭންކުތައް ދަންނަ ބައެއްކަން ކަށަވަރުވެގެން ދިޔުންކަމަށާއި،އަދި މި ދަފްތަރުގެ ޒަރިއްޔާއިން މަސްވެރިންނަށް ބޭންކުތަކުގެ އެކި ފެސިލިޓީތަކަށް ވާސިލްވެވި މަސްވެރިންނަކީ އާމްދަނީ ލިބޭ ބައެއްކަން ކަށަވަރުވެގެން ދިއުން ކަމަށް މިނިސްޓަރ ޝިޔާމް ވަނީ ވިދާޅުވެފައެވެ.
އަދ ހަމައެއާއެކު، ބޭންކުތަކުގެ އެކި ލޯން ސްކީމްތަކުން ޖާގަލިބި ސަރުކާރުން ހުޅުވާލާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކުން މަސްވެރިންނަށްވެސް ފުރުޞަތު ލިބިިގެން ދާނެއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރި އާއިލާތަކަށް މިއަށް ވުރެއް ބޮޑު އުފާވެރިކަމެއް ނުލިބޭނެކަމަށާއި، މަސްވެރި އާއިލާތަކަކީވެސް ބޮޑެތި ހޭދަތައްކޮށް، ގެދޮރު އިމާރާތް ކުރުމަށް ލޯނު ހޯދައި، ކުދިންނަށް ކިޔަވައިދީ، އެކި ކަހަލަ ފެސިލިޓީތައް ހޯދަން ޖެހޭ ބައެއް ކަމަށެވެ.. އަދި މަސްވެރިކަން ކުރައްވާ ބޭފުޅުންނަކީ އާމްދަނީ ލިބޭ މަސައްކަތެއް ކުރައްވާ ބައެއްކަމުގައި އެއްވެސް ތާކުން މައުލޫމާތެއް ފެންނަން ނުހުން ކަމަށެވެ. އެހެންނަމަވެސް މިއަދު އެ މަސްވެރިއާއަކީ އާމްދަނީ ލިބޭ މަސައްކަތެއް ކުރައްވާ ބޭފުޅެއްކަން ކަށަވަރުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދަފްތަރު އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން މަސްވެރިންނަކީ ދައުލަތުން ބަލައިގަންނަ ބައެއްގެ ގޮތުގައި ހެދުމަށް ފެށްޓެވި މަސައްކަތެކެވެ.


