ރައީސް އިއްވެވި ރިޔާސީ ބަޔާނަކީ މިހާތަނަށް އަޑުއެހި އެންމެ ފުރިހަމަ ބަޔާން: ވަޒީރު ޝިޔާމް
7 ފެބްރުއަރީ 2026 - 07:39

މި މަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަކީ، މިހާތަނަށް ބަރުލަމާނީ ހަޔާތުގައި އަޑުއެހި އެންމެ އުންމީދީ، އެންމެ ފުރިހަމަ އަދި އެންމެ ތަފްސީލީ ރިޔާސީ ބަޔާން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި ޕީއެންސީގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަަމުންނެވެ.

Ad by Hajj Corporation
ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެ ބަޔާން ވެގެން ދާނީ އެ ދެންނެވި ސިފަތަކުގެ ބަޔާނަކަށް ކަމަށާއި،އެ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރައްޔިތުންނަށް ކޮށްދޭން ހުރި ކަންތައްތަކާއި، ކޮށްދެއްވި ކަންތައްތަކުގެ މިންވަރާއި،ރާއްޖޭގެ ހާލަތު އޮތް މިންވަރާއި އަދި ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއު ތަކުގެ ވާޙަކަ ވަރަށް ތަފްސީލް ކޮށް ވިދާޅުވެފައި ވާކަމަށެވެ.
މާލީ ދާއިރާއިން ހޯއްދެވި ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، އެމްޑީޕީ ސަރުކާރު ނިމުނުއިރު ބަޖެޓް ޑެފިސިޓް 14 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، މި ސަރުކާރުން އެ އަދަދު 3.5 ބިލިއަނަށް ކުޑަކޮށްފައިވާ ކަމަށެވެ.
އަދި 2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓަކީ ރައީސް މުއިއްޒު ބޭނުންފުޅުވާ ކަންކަން ނުހިމަނައި، އެމްޑީޕީން ފާސްކުރި ބަޖެޓަކަށް ވުމުން، އެ އަހަރަކީ ވަރަށް ދަތި ހާލުގައި ކަންކަން ކުރަންޖެހުނު އަހަރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ރިޒާވްގައި 1.13 ބިލިއަން ޑޮލަރު ހުރިކަން ރައީސް އިއުލާނު ކުރެއްވުމަކީ ލިބުނު ބޮޑު ތަސައްލީއެއް ކަމަށް ވަޒިރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ކިހިނެއްތޯ ރަށެއްގެ ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ވަތްގަނޑުގައި ފައިސާ ނެތި؟ ތަރައްގީގެ މަޝްރޫއުތަކާއި، އިޖްތިމާއީ ހަމަޖެހުމާއި، ބޯހިޔާވަހިކަން ހާސިލުކުރެވޭނީ މާލީ ނިޒާމު ހަރުދަނާވެގެން،" ވަޒީރު އަހްމަދު ޝިޔާމް
މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ ތަސައްވުރުގައި ކުލަ ޖެއްސުމަށް މުޅި ސަރުކާރު އޮތީ "ފޫގަޅައިގެން" ތައްޔާރަށް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.


