ގޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާ ފާއްޓޭ ނިއުރޭޑިއަންޓަށް!
8 ޑިސެމްބަރު 2025 - 11:04

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ)ގެ ބޭބެ މުޙައްމަދު ފާސިރު (ފާއްޓޭ) ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

Ad by Hajj Corporation
މީގެ ކުރިން ފުރަތަމަ ޑިވިޝަންގައިވެސް ކުޅެ، އެކި މުބާރާތްތަކުގައި އުފަން ރަށް އޭދަފުށްޓަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ފާއްޓޭ ނިއުއާ ގުޅުނީ މިސީޒަނުގެ ނިޔަލަށެވެ.
ފުރަތަމަ ޑިވިޝަންގައި ފާއްޓޭ އެންމެ ފުރަތަމަ ކުޅުނީ 2006 ވަނަ އަހަރު ކްލަބް އީގަލްސް އާއެކު އެވެ. އޭގެ ފަހުން ދެވަނަ ޑިވިޝަނުގައި އޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ފާއްޓޭ ވަނީ، އީގަލްސްގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި އޭވައިއެލް އަށްވެސް ކުޅެފައެވެ.
އެހެން ނަމަވެސް 2009 ވަނަ އަހަރު ފަޔަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ކުޅުމާއި ދުރަށް ދާން ޖެހުނު ފަހުން، 2021 ވަނަ އަހަރު އަނެއްކާވެސް ކްލަބް އީގަލްސް އާއެކު ފުރަތަމަ ޑިވިޝަންގައި ކުޅުނެވެ.
ފުރަތަމަ ޑިވިޝަނުގައި ނުކުޅެ ގިނަ ދުވަސްތަކެއްވީނަމަވެސް، ފާއްޓޭ ވަނީ ރަށާއި އަތޮޅު ފެންވަރުގެ ގިނަ މުބާރާތްތަކެއް ކުޅެފައެވެ.
މީގެ އިތުރުން 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް އޭދަފުށްޓަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް ފާއްޓޭ އަދާކުރިއެވެ. މީގެ އިތުރުން 2024 ވަނަ އަހަރުގެ ގޯލްޑް ކަޕް އޭދަފުށިން ކާމިޔާބު ކުރިއިރު، އެމުބާރާތުގެ މޮޅު ކުޅުންތެރިޔަކީވެސް ފާއްޓޭ އެވެ.
މިޑް ސީޒަން ޓްރާންސްފަރ ވިންޑޯގައި ނިއު އިން ވަނީ މިސީޒަނަށް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ތަޖުރިބާކާރު ގޯލްކީޕަރު މުޙައްމަދު ފައިސަލްގެ ސޮއި ވެސް ހޯދާފައެވެ. ބުރު ސްޕޯސް ކްލަބަށް މިސީޒަނާއެކު ނިކުތް ފައިސަލްވެސް ނިއުއާ ގުޅުނީ މިސީޒަނުގެ ނިޔަލަށެވެ. މީގެ އިތުރުން މިސީޒަނުގެ ފުރަތަމަ ބައިގައި ނިއުގެ ގޯލް ބެލެހެއްޓީ ޕާކިސްތާނުގެ ގައުމީ ކީޕަރު ސާގިބް ހަނީފަށް ލިބުނު އަނިޔާއާ ގުޅިގެން ލަންކާގެ ގައުމީ ޓީމުގެ ދެވަނަ ކީޕަރު ކަވީޝް ލަޕްރިޔާގެ ސޮއިވެސް ނިއު އިން ވަނީ ހޯދާފައެވެ.
މި އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިއު އިން ނިންމާލީ 17 ޕޮއިންޓާއެކު ތާވަލްގެ ތިންވަނާގައި އޮވެގެންނެވެ. ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 27 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި މާޒިޔާ އޮތްއިރު، 22 ޕޮއިންޓާއެކު ދެވަނާގައި ވަނީ އޮޑި ސްޕޯޓްސް ކްލަބެވެ.
ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ނިއު ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 12 ވަނަ ނިކުންނާނީ ކްލަބް ވެލެންސިޔާ އާ ދެކޮޅަށެވެ.


