ޕެނަލްޓީޖަހައިގެން ނިއުރޭޑިއަންޓް ބަލިކޮށް ޕްރެސިޑެންޓްސް ކަޕުގެ ފުރަތަމަ ޖާގަ މާޒިޔާއަށް
21 ފެބްރުއަރީ 2026 - 04:07

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 6-5 އިން ބަލިކޮށް، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ. ގަލޮޅު ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. މާޒިޔާ މޮޅުވީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގަ އެވެ.
ރޭގެ މެޗަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ޕްރެޒިޑެންޓްސް ކަޕްގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މި ދެ ޓީމު މި މުބާރާތުގައި ބައްދަލުކުރީ 2015 ވަނަ އަހަރުގެ ފައިނަލުގަ އެވެ. އެ ދުވަހު މާޒިޔާ އަށް ފުރަތަމަ ފަހަރަށް ގައުމީ ތަށި ހޯދައިދިން ކޯޗު އަލީ ސުޒޭން މިރޭ ފެނިގެންދިޔައީ ނިއު ރޭޑިއަންޓުގެ ކޯޗުގެ ގޮތުގަ އެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ވަނީ މޮޅު ކުޅުމެއް ދައްކައި ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 27 ވަނަ މިނިޓްގައި މާޒިޔާ އަށް ލީޑު ނަގައިދިނީ އަހުމަދު އައިހަމް (ފަތޯ) އެވެ. މިއީ ނާއިޒު ހަސަން (ދާދު) އާއި މުހައްމަދު އިލާން ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. އޭގެ ފަހުން 40 ވަނަ މިނިޓްގައި ހަސަން ނަޒީމް (ޗޯޓު) ތަނަވަސްކޮށްދިން ފުރުސަތެއްގައި އައިހަމް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި މާޒިޔާ އަށް ހިތްހަމަޖެހުން ހޯދައިދީފަ އެވެ.
ދެވަނަ ހާފަށް ނިއު ރޭޑިއަންޓުން ނުކުތީ ބަދަލުތަކަކާ އެކު ކުޅުން ވަރުގަދަކޮށްގެންނެވެ. އެގޮތުން ހާފު ފެށިގެން ފަސް މިނިޓް ތެރޭގައި ނިއުގެ ނައިޖީރިއާ ފޯވާޑް އަލް ހާޖީ ގޭރޯ ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. ނިއު އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 66 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ރީތި ގޯލުންނެވެ.
މެޗުގެ ފަހު ވަގުތުކޮޅު ދެ ޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅައެއް ނިއުގެ ކީޕަރު ފައިސަލް ދިފާއުކުރިއިރު، ނިއުގެ ދަގަނޑޭ އަށް ލިބުނު ފުރުސަތެއް މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ވަނީ ހުށިޔާރުކަމާ އެކު އަތުލައިފަ އެވެ. ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޝޫޓްއައުޓުންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި މާޒިޔާ އިން ކުރި ހޯދީ 6-5 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު މާޒިޔާ ވަނީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށް، ތަށި ދިފާއުކުރުމުގެ އުންމީދު އާކޮށްފަ އެވެ. ނިއު ރޭޑިއަންޓަށް މި ބައްޔާ އެކު މުބާރާތުން ވަނީ ވަކިވާން ޖެހިފަ އެވެ.


