ރައީސްގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު: 790 މިލިއަން ޑޮލަރުގެ ޓައުންޝިޕެއް ގާއިމުކުރަން ހުއްދަދީފި
9 ޑިސެމްބަރު 2025 - 19:50

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް، މީހުން ދިރިއުޅެވޭ ގޮތަށް 790 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ ޓައުންޝިޕެއް ރާއްޖޭގައި ގާއިމްކުރަން ސަރުކާރުން ފުރަތަމަ ފަހަރަށް ކުންފުންޏަކަށް ހުއްދަ ދީފިއެވެ.
މިއީ ރާއްޖޭގެ އިގްތިސާދީ މޮޑެލް ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިކޮނޮމިކްސް މިނިސްޓްރީން ބުނެއެވެ.

Ad by Hajj Corporation
އިކޮނޮމިކްސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ ދީފައި ވަނީ ކްރިސްޓަލް ހޯލްޑިންސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުނިން ވަނީ 790 މިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓްކުރާނެ ކަމަށް ޕްރޮޕޯސަލް ހުށަހަޅާފައެވެ. ބޯޑް އޮފް އިންވެސްޓްމެންޓްސް އިން މި ހުއްދަ ދިނުމަކީ، ރާއްޖޭގެ އިގްތިސާދީ މޮޑެލް 'ކޮންވެންޝަނަލް ޓޫރިޒަމް މޮޑެލް' އިން 'މަލްޓިސެކްޓާ މޮޑެލް' އަށް ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
މި މަޝްރޫޢުއަކީ 'ސަސްޓެއިނަބްލް ޓައުންޝިޕް' އެކެވެ. އެސްއީޒެޑް ގާނޫނުގައި ބަޔާންކުރާ ގޮތުގައި، ސަސްޓެއިނަބްލް ޓައުންޝިޕަކީ ލާޖް ސްކޭލް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ، ތިމާވެއްޓަށް ގެއްލުން ކުޑަ، އަދި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް ގާއިމްކުރެވިފައިވާ މީހުން ދިރިއުޅޭނެ ތަނެކެވެ.
މި ޓައުންޝިޕްގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ ކޮމްޕޯނެންޓަކާ އެކު، އިގުތިސާދީ އިޖުތިމާއީ އެހެން ސެކްޓާތަކުގެ ވަސީލަތްތައް ވެސް ގާއިމްކުރާނެއެވެ. އޭގެ ތެރޭގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރި ކަމާއި އެކުއާ ކަލްޗާގެ މަސައްކަތް ކުރާ ނިޒާމުތައް ހިމެނެއެވެ. މި ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތް އެ ތަނުގައި ކުރާނީ ރާއްޖޭގެ ފުޑް ސެކިއުރިޓީ އަށް އަމާޒު ކޮށްގެންނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން މި މަޝްރޫއު ފެށުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުއެވެ.
މިކަމާއި ގުޅުގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޕެޝަލް އިކޮނޮމިކް ޒޯންސް ގާނޫނުގެ ދަށުން ދެމެހެއްޓެނިވި ޓައުންޝިޕް ޑިވެލޮޕްމަންޓެއްގެ ފުރަތަމަ ހުއްދަ ދޫކޮށްފައިވާއިރު، މިއީ އިނޮވޭޓިވް، ރެސިލިއެންޓް، އަދި ކުރިއަށް އޮތް ތަނުގައި ފޯކަސްކޮށްގެން ގައުމީ ކުރިއެރުމަށް އެޅި ބޮޑު ފިޔަވަޅެކެވެ.
"މި މައިލްސްޓޯން ދައްކުވައިދެނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ އިޤްތިޞާދީ ތަފާތުކުރުމާއި ދިގުމުއްދަތުގެ ޤައުމީ ތަނަވަސްކަން ހަރުދަނާކުރާ ޓްރާންސްފޯމަޓިވް، ދެމެހެއްޓެނިވި ތަރައްޤީއެވެ." މިނިސްޓަރު ވިދާޅުވެފަވެއެވެ.


