16 އަހަރު ނުފުރޭ ކުދިން މީސްމީޑިއާ ބޭނުންކުރުން އޮސްޓްރޭލިއާގައި މަނާކޮށްފި
10 ޑިސެމްބަރު 2025 - 04:50

އޮސްޓްރޭލިޔާގައި ޢުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރަން ނިންމި ނިންމުން ތަންފީޒުކޮށްފިއެވެ.
ޓިކްޓޮކް، ޔޫޓިއުބް، އިންސްޓަގްރާމް އަދި ފޭސްބުކް ހިމެނޭހެން އާންމުންގެ މެދުގައި އެންމެ މަގުބޫލު މީސްމީޑިއާގެ ދިހަ މަންސަ ކުޑަކުދިންނަށް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް އޮސްޓްރޭލިއާއިން ވަނީ އެ ކުންފުނިތަކަށް އަންގާފައެވެ. އެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ 33 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާކުރާނެ ކަމުގެ އިންޒާރު އެގައުމުގެ ސަރުކާރުން ދީފައިވެއެވެ. އެ މަންސަތައް ބޭނުންކުރާ ފަރާތްތަކުގެ އުމުރު ޔަގީންކުރުމަށް ތަފާތު އުކުޅުތައް ބޭނުންކުރަން އެ ކުންފުނިތަކަށް ވަނީ އަންގާފައެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން ބުނީ ކުޑަކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރުމަށް ނިންނީ އިންޓަނެޓުގެ ޒަރިއްޔާއިން ހުށަހެޅޭ ނުރައްކާތަކުން އެކުދިން ރައްކާތެރިކުރުމަށް ކަމަށެވެ. އެގައުމުގެ ބެލެނިވެރިންނާއި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ސަރުކާރުގެ ނިންމުން ބަލައިގަނެ، އެކަމަށް މަރުހަބާ ކިޔާފައެވެ. ނަމަވެސް ޓެކްނޮލޮޖީ ކުންފުނިތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ދަނީ މި ނިންމުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
އޮސްޓްރޭޭލިއާގެ މި ނިންމުން ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ. އެގޮތުން އުމުރު ޔަގީންކުރުމަކީ ފަސޭހަ ކަމަށް ނުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ފޭކު އައިޑީއާއި ވީޕީއެން ބޭނުންކޮށްގެން އުމުރު އޮޅުވާލުމަކީ އުނދަގޫ ކަމަށް ނުވާނެ ކަމަށާއި މީސްމީޑިއާގެ ތަފާތު އެހެން ވަސީލަތްތައް ބޭނުންކޮށްގެން ކުޑަކުދިންނަށް އަދިވެސް މީސްމީޑިއާ ބޭނުންކުރެވިދާނެ ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
އޮސްޓްރޭލިއާގެ މި ނިންމުމާއެކު އެގައުމުން ކުރާ ތަޖުރިބާއާއި ހޯދާ ކާމިޔާބީގެ މައްޗަށް ބަލާ، އެހެން ގައުމުތަކުން ވެސް މިފަދަ ފިޔަވަޅެއް އެޅުން އެކަށީގެންވެއެވެ.


