ނަތަންޔާހޫއަށް ބޮޑު ލަދެއް؛ "ޔަހޫދީ ބަޠަލެއް" ކަމަށް ބުނެ ތައުރީފުކުރެވުނީ އަޙުމަދު ނަމަކަށް ކިޔާ މުސްލިމަކަށް!
15 ޑިސެމްބަރު 2025 - 13:05

އޮސްޓްރޭލިއާގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި ބަޑިޖެހުމުގައި ހަރަކާތްތެރިވި މީހަކު އަތުން ބަޑި އަތުލުމަށް ކުރި މަސައްކަތާ ގުޅިގެން ގިނަ ބަޔަކު "ހީރޯ"އެއްގެ ގޮތުގައި ސިފަކުރި އަޙުމަދަކީ ޔަހޫދީއެއް ކަމަށް ހީކޮށް، އިސްރާއީލުގެ ބޮޑުމުޖުރިމު ބެންޖަމިން ނަތަންޔާހޫ އޭނާއަށް ތައުރީފުކޮށްފިއެވެ.
އޮސްޓްރޭލިއާގައި ޔަހޫދީންގެ ބާތިލް "ޢީދެއް" ފާހަގަކުރަމުން ދަނިކޮށް ބަޑީގެ ހަމަލާތަކެއްދީ 15 މީހުން ވަނީ މަރާލާފައެވެ.

Ad by Hajj Corporation
ޔަހޫދީން ފާހަގަކުރާ "ހަނުއްކާ" ނަމަކަށް ކިޔާ "ޢީދެއް" ފާހަގަކުރުން ފެށުމުގެ ގޮތުން "ޗަނުއްކާ ބައި ދަ ސީ"ގެ ނަމުގައި ޔަހޫދީންތަކެއް ވަނީ ބޮންޑި ބީޗްގައި އިވެންޓެއް ބާއްވާފައެވެ.
އޮސްޓްރޭލިއާގެ ސިޑްނީ ސިޓީގައި ދިން މިހަމަލާތަކަކީ ސީދާ އެ އިވެންޓަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ބަޑީގެ ހަމަލާތަކުގައި 29 މީހަކު ޒަޚަމްވިއެވެ.
އޭގެ ތެރޭގައި ފުލުހުންގެ ދެ މީހަކުވެސް ހިމެނެއެވެ.
މީގެ އިތުރުން ގުރޫޕަކުން ދިން މި ހަމަލާތަކުގައި، މަރުވި މީހުންގެ ތެރޭގައި، ހަމަލާދިނުމުގައި ބައިވެރިވި މީހަކު ކަމަށް ތުހުމަތުކުރެވޭ މީހަކުވެސް ވަނީ މަރުވެފައެވެ. އަދި ހަމަ ތުހުމަތުކުރެވޭ އިތުރު މީހަކަށް އަނިޔާވެ، ހާލު ގޯސްވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަދެއެވެ.
ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ސިޓީގައި ފިހާރައެއް ހިންގާ އަޙުމަދު އަލް އަޙުމަދު ކިޔާ މީހަކު ވަނީ، ހަމަލާދޭން އުޅުނު މީހަކު އަތުން ބަޑި އަތުލާފައެވެ. މިއާއެކު އަޙުމަދަކީ "ހީރޯ"އެއްގެ ގޮތުގައި ސިފަކޮށް ގިނަ ބަޔަކު ދަނީ ތައުރީފުކުރަމުންނެވެ.
މިފަދަ "ޓެރަރިސްޓު" ހަމަލާތަކުގެ ތުހުމަތު އާންމު ގޮތެއްގައި އަޅުވަނީ މުސްލިމުންގެ ބޮލުގައި ނަމަވެސް، މިފަހަރު ހަމަ ޔަގީނުންވެސް "ހީރޯ" ވެފައި މިވަނީ މުސްލިމަކަށެވެ.
އޮސްޓްރޭލިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަޙުމަދު އަލް އަޙުމަދުގެ ގަޔަށްވެސް ވަނީ ހަމަލާދީފައެވެ. މިގޮތުން، ދެ ފަހަރެއްގެ މަތިން ބަޑި ޖަހާފައިވާއިރު، އޭނާގެ ހާލު ސީރިއަސްވެ މިހާރު ދަނީ ސާޖަރީއެއްކުރަމުންނެވެ.
ސޯޝަލް މީޑިއާތަކާއި މެއިންސްޓްރީމް މީޑިއާތަކުގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ހުރި އަޙުމަދު ބަޑި ހިފައިގެން ހުރި މީހާގެ ފަހަތުން ގޮސް، އޭނާގެ އަތުން ރައިފަލެއް އަތުލައެވެ.
މޭވާއާއި ތަރުކާރީ ވިއްކުމުގެ ވިޔަފާރި ހިންގާ އަޙުމަދަކީ ސިޑްނީގެ ސަދަލޭންޑް ޝަޔަރ އަށް އުފަން މީހެކެވެ.
އޭނާއަކީ މުސްލިމެއްކަން ނޭނގި ހުރެ، ނަތަންޔާހޫ ވަނީ ޓީވީއިން ވަގުތުން ދުރަށް ދެއްކި އިންޓަރވިއުއެއްގައި އަޙުމަދަށް ވަރަށް ތައުރީފުކޮށްފައެވެ.
ޔަގީނުންވެސް ނަތަންޔާހޫއަށް ބޮޑު ލަދެކެވެ. "ޔަހޫދީ ބަޠަލެއް" ކަމަށް ބުނެ ތައުރީފުކުރެވުނީ އަޙުމަދު ނަމަކަށް ކިޔާ މުސްލިމަކަށެވެ.


