އޮސްޓްރޭލިއާގައި ޔަހޫދީންގެ ބާތިލް "ޢީދެއް" ފާހަގަކުރާތީ ބަޑީގެ ހަމަލާތަކެއްދީ 11 މީހުން މަރާލައިފި
14 ޑިސެމްބަރު 2025 - 16:20

އޮސްޓްރޭލިއާގައި ޔަހޫދީންގެ ބާތިލް "ޢީދެއް" ފާހަގަކުރާތީ ބަޑީގެ ހަމަލާތަކެއްދީ 11 މީހުން މަރާލައިފިއެވެ.
ޔަހޫދީން ފާހަގަކުރާ "ހަނުއްކާ" ނަމަކަށް ކިޔާ "ޢީދެއް" ފާހަގަކުރުން ފެށުމުގެ ގޮތުން "ޗަނުއްކާ ބައި ދަ ސީ"ގެ ނަމުގައި ޔަހޫދީންތަކެއް ވަނީ ބޮންޑި ބީޗްގައި އިވެންޓެއް ބާއްވާފައެވެ.

Ad by Hajj Corporation
އޮސްޓްރޭލިއާގެ ސިޑްނީ ސިޓީގައި ދިން މިހަމަލާތަކަކީ ސީދާ އެ އިވެންޓަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ބަޑީގެ ހަމަލާތަކުގައި 11 މީހަކު މަރުވެ 29 މީހަކު ޝަހީދުވިއެވެ.
އޭގެ ތެރޭގައި ފުލުހުންގެ ދެ މީހަކުވެސް ހިމެނެއެވެ.
މީގެ އިތުރުން ގުރޫޕަކުން ދިން މި ހަމަލާތަކުގައި، މަރުވި މީހުންގެ ތެރޭގައި، ހަމަލާދިނުމުގައި ބައިވެރިވި މީހަކު ކަމަށް ތުހުމަތުކުރެވޭ މީހަކުވެސް ވަނީ މަރުވެފައެވެ. އަދި ހަމަ ތުހުމަތުކުރެވޭ އިތުރު މީހަކަށް އަނިޔާވެ، ހާލު ގޯސްވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަދެއެވެ.
ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ސިޓީގައި ފިހާރައެއް ހިންގާ އަޙުމަދު އަލް އަޙުމަދު ކިޔާ މީހަކު ވަނީ، ހަމަލާދޭން އުޅުނު މީހަކު އަތުން ބަޑި އަތުލާފައެވެ. މިއާއެކު އަޙުމަދަކީ "ހީރޯ"އެއްގެ ގޮތުގައި ސިފަކޮށް ގިނަ ބަޔަކު ދަނީ ތައުރީފުކުރަމުންނެވެ.
މިފަދަ "ޓެރަރިސްޓު" ހަމަލާތަކުގެ ތުހުމަތު އާންމު ގޮތެއްގައި އަޅުވަނީ މުސްލިމުންގެ ބޮލުގައި ނަމަވެސް، މިފަހަރު ހަމަ ޔަގީނުންވެސް "ހީރޯ" ވެފައި މިވަނީ މުސްލިމަކަށެވެ.
އޮސްޓްރޭލިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަޙުމަދު އަލް އަޙުމަދުގެ ގަޔަށްވެސް ވަނީ ހަމަލާދީފައެވެ. މިގޮތުން، ދެ ފަހަރެއްގެ މަތިން ބަޑި ޖަހާފައިވާއިރު، އޭނާގެ ހާލު ސީރިއަސްވެ މިހާރު ދަނީ ސާޖަރީއެއްކުރަމުންނެވެ.
ސޯޝަލް މީޑިއާތަކާއި މެއިންސްޓްރީމް މީޑިއާތަކުގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ހުރި އަޙުމަދު ބަޑި ހިފައިގެން ހުރި މީހާގެ ފަހަތުން ގޮސް، އޭނާގެ އަތުން ރައިފަލެއް އަތުލައެވެ.
އަޙުމަދުގެ ބޭބެ މުސްތަފާ ވަނީ، ސެއިންޓް ޖޯޖް ހޮސްޕިޓަލުގެ ބޭރުގައި 7ނިއުސް އޮސްޓްރޭލިއާ އާ ވާހަކަ ދައްކާފައެވެ.
ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި މުސްތަފާ ބުނީ އޭނާގެ ކޮއްކޮ ބަޑި އަތުލި ކަމަށާއި އޭގެ ފަހުން އޭނާގެ އަތްތިލަ އާއި އަތަށް ބަޑި ޖަހާފައިވާ ކަމަށެވެ.
"އޭނާ އޮތީ ހޮސްޕިޓަލުގައި، އަދި އެތެރޭގައި ހިނގާ ކަމެއް ނޭނގެ،" މުސްތަފާ ބުންޏެވެ.
"އަހަރެމެން އުންމީދު ކުރަނީ އޭނާ ރަނގަޅުވާނެ ކަމަށް. އޭނާ އަކީ 100 ޕަސެންޓް ހީރޯއެއް."
މޭވާއާއި ތަރުކާރީ ވިއްކުމުގެ ވިޔަފާރި ހިންގާ އަޙުމަދަކީ ސިޑްނީގެ ސަދަލޭންޑް ޝަޔަރ އަށް އުފަން މީހެކެވެ.


