އޮސްޓްރޭލިއާ ސޯޝަލް މީޑީއާ ބޭން: މިހާތަނަށް ފަސް މިލިއަނާ ގާތްކުރާ އަދަދަކަށް އެކައުންޓު ފުހެލައިފި
16 ޖެނުއަރީ 2026 - 05:06

މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޮސްޓްރޭލިއާގައި އުމުރުން 16 އަހަރު ނުފުރޭ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުުރުން މަނާކުރުމާ ގުޅިގެން މިހާތަނަށް ފަސް މިލިއަނެއްހާ އެކައުންޓު ފުހެލައިފިއެވެ.
އެގައުމުގެ އީ-ސޭފްޓީ ކޮމިޝަނަރު ވިދާޅުވިގޮތުގައި ފާއިތުވި އެއްމަސްދުވަސް ތެރޭ ޖުމްލަ 4.7 މިލިއަން އެކައުންޓު ފުހެލައިފައި ވެއެވެ. ސަރުކާރުގެ މި ސިޔާސަތަށް އެތަކެއް ފާޑުކިއުމެއް އަމާޒުވި ނަމަވެސް، މިހާ ކުރު މުއްދަތެއްގެ ތެރޭ މިހާ ބޮޑު ތަރުހީބެއް މިކަމަށް ލިބުމުންވެސް ދައްކުވައިދެނީ މިކަމުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާކަން ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

Ad by Hajj Corporation
އޮސްޓްރޭލިއާ ގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އަޅާފައިވާ ފިޔަވަޅަކީ ދުނިޔޭގެ އެއްވެސް ސަރަހައްދެއްގައި އަޅާފައިވާ މިފަދަ ފުރަތަމަ ފިޔަވަޅެެވެ. އެ ނިންމުމާއެކު އޮސްޓްރޭލިއާގައި އިންސްޓަގްރާމްއާއި ޔޫޓިއުބްއާއި ޓިކްޓޮކްއާއި ސްނެޕްޗެޓް ހިމެނޭ ގޮތަށް ގިނަ މަގުބޫލު ސޯޝަލް މީޑިއާ ޕްލެތްފޯމްތައް ބޭނުން ކުރުން 16 އަހަރުން ދަށުގެ ކުދިންނަށް ވަނީ މަނާކޮށްފައެވެ.
ކުޑަކުދިން ބޭނުންކުރާ އެކައުންޓުތައް ފުހެނުލާނަމަ ސޯޝަލް މީޑިއާ ކުުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރާ ގޮތަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ގާނޫނު އެކުލަވާލާފައި ވަނީ އެގާނޫނު ތަންފީޒު ކުރުމަށް އެދެވޭ ފިޔަވަޅުތައް ނާޅާ ކުންފުނިތައް 33 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށެވެ.
އޮސްޓްރޭލިއާގެ އިދާރާތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ އުމުރު ކަށަވަރު ކުުރުމަށް ބޭނުންކުރާ ނިޒާމުތައް ސަރުކާރާއި ސޯޝަލް މީޑިއާ ކުންފުނިތައް ގުޅިގެން އަންނަނީ އިުރަށް ހަރުދަނާކުރަމުންނެވެ.
މިހާތަނަށް ފެންނަ ފެނުމަށް ގާނޫނު ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދަނީ ވަރަށް އޮމާންކޮށެވެ. ކުރިއަށް އޮތް ތަނުގައި ސޯޝަލް މީޑީއާ ބޭނުންކުރުން މަނާކުރުމުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލު ދިރާސާކުރުމަށް އޮސްޓްރޭލިއާއިން ރާވާފައިވެއެވެ.


