އަމާން އުދަރެހުގައި ޖީޕީ ކްލިނިކެއް ތަރައްގީކުރަނީ
10 ޑިސެމްބަރު 2025 - 05:18

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަރބަން ޕްރައިމަރީ ހެލްތު ކެއަރ، ނުވަތަ ޖެނަރަލް ޕްރެކްޓިސްގެ ކްލިނިކެއް ތަރައްގީކުރަން ނިންމައިފިއެވެ.
މި ކްލިނިކް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފުލެޓުގެ ތެރެއިން އަމާން އުދަރެހުގެ ޓަވަރެއްގައެވެ. މިކަމުގެ އެއްބަސްވުމުގައި ހުޅުމާލެ ހޮސްޕިޓަލާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު ވަނީ ސޮއިކޮށްފައެވެ.
ޖީޕީ ކްލިނިކް ތަރައްގީކުރުމަށް ހުޅުމާލޭ ހޮސްޕިޓަލާއި އެފްޑީސީއާ ދެެމެދު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އަރބަން ޕްރައިމަރީ ހެލްތު ކެއަރ ކްލިނިކު ތަރައްގީކުރެވިގެންދާނީ އަމާން އުދަރެސް ޓަވަރު ހައެއްގައި ކަމަށެވެ.
އަބްދުއްރައްޒާގް ވިދާޅުވީ މިހާރުވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުމާލެ ހޮސްޕިޓަލުން ޖީޕީ ކްލިނިކެއް ހިންގަމުން ގެންދާކަމަށާއި ނަމަވެސް އަލަށް ތަރައްގީކުރާ ކްލިނިކުން އިތުރު ހިދުމަތްތަކެއް ލިބޭނެކަމަށެވެ. އެގޮތުން އެ ކްލިނިކުން ކުޑަކުދިންނަށް ވެކްސިން ދިނުމާއި ބަރުދަން ބެލުމާއި ކައުންސެލިންގެ ހިދުމަތް ފަދަ އިތުރު ހިދުމަތްތައް ލިބޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ. މީގެ އިތުރުން، އިތުރު ސްޕެޝަލިސްޓުންނަށް ދައްކަން ބޭނުންވެއްޖެ ހާލަތެއްގައި ޖީޕީ ކްލިނިކު މެދުވެރިކޮށް އަވަހަށް އެޕޮއިންޓުމަންޓް ލިބޭނެ ގޮތް ހަމަޖެހޭނެކަމަށްވެސް އަބްދުއްރައްޒާގް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލެ ސަރަހައްދުގައި 6 ޖީޕީ ކްލިނިކް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ މާލޭގައި ހަތަރު ކްލިނިކާއި ހުޅުމާލޭގައި ދެ ކްލިނިކެވެ. އެގޮތުން ހެންވޭރުގައި ޖީޕީ ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި މަސައްކަތް ކުރަނީ، އެ ކްލިނިކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ކްލިނިކުގެ މަސައްކަތް އެއްކޮށް ނިންމާ، ހުޅުވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation
އާންމު ސިއްހަތުގެ ނިޒާމު ވަރުގަދަކުމުގެ ގޮތުން އަދުގެ ސަރުކާރުން މާލެ ސަރަހައްދުގައި ގާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ހުޅުވާފައިވަނީ މިިދިޔަ މަހުގައެވެ. މާލެ ސަރަހައްދުގައި ތަރައްގީކުރާ ޖީޕީ ކްލިނިކްތަކުގެ އިތުރުން އަތޮޅުތެރޭގައިވެސް އެފަދަ ސެންޓަރުތައް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ.


