ހުޅުމާލޭ ހޮސްޕިޓަލް އައު ހަރުފަތަކަށް، އައުޓް- ޕޭޝަންޓް ނާސިން ހިދުމަތް ތައާރަފުކޮށްފި
28 ޖޫން 2026 - 17:03

ހުޅުމާލޭ ހޮސްޕިޓަލުން ލިބޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގައި އަލަށް އައުޓް-ޕޭޝަންޓް ނާސިން ހިދުމަތްތައް ދޭނެ ހާއްސަ ސަރަހައްދެއް ގާއިމުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
މި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހުޅުމާލޭ ހޮސްޕިޓަލު ހިންގާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާޤް ޙަލީމެވެ.

Ad by Hajj Corporation
މީގެ ކުރިން މި ހިދުމަތް ދެމުން އައީ އެމަޖެންސީ ފަޅީގައި ހުންނަ ޕްރޮސީޖާ ރޫމެއްގައެވެ.
މި ބަދަލާއެކު، ކުއްލި ފަރުވާ ބޭނުންވާ މީހުންނާއި އާންމު ނާސިން ހިދުމަތް ހޯދާ މީހުން ވަކިކުރެވި، ހިދުމަތް ހޯދުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެއެވެ. އައު ސަރަހައްދު ގާއިމުކޮށްފައިވަނީ ހޮސްޕިޓަލުގެ އޯޕީޑީ ކައުންޓަރު ހުންނަ ފަޅީގައެވެ.
އަލަށް ތައާރަފުކުރި މި ސަރަހައްދުން އީސީޖީ ނެގުމާއި، އާވި އެރުވުމާއި، ބޭސް އެޅުމާއި، އިންޖެކްޝަން ޖެހުމުގެ އިތުރުން ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބެލުމާއި، ހަކުރު ބަލީގެ ޓެސްޓުކުރުން ފަދަ ހިދުމަތްތައް ލިބޭނެއެވެ. މީގެ އިތުރުން ލޭ ހަދިޔާކުރާ މީހުންގެ ލޭ ނެގުމުގެ ހިދުމަތްވެސް މިތަނުން ލިބޭނެއެވެ.
މި ހިދުމަތް ދިނުމަށް އައު ތަނެއް ހަމަޖެހުނު ނަމަވެސް އެމަޖެންސީ ފަޅީގައި ފޯރުކޮށްދެމުންއައި ނާސިން ހިދުމަތް އެގޮތުގައި ބަރާބަރަށް ލިބެމުންދާނެއެވެ.
މި ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 23:00 އަށް ލިބޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.


