ކަރަންޓުގައި ޖެހި އަނިޔާވި ސްޓެލްކޯގެ ސުޕަވައިޒަރ ނިޔާވެއްޖެ
11 ޑިސެމްބަރު 2025 - 04:16

ހުޅުމާލޭގައި ހުންނަ، ސްޓެލްކޯގެ ބާ އިންޖީނުގޭގައި، މިދިޔަ ނޮވެމްބަރު 26 ވަނަ ދުވަހު ކަރަންޓުގެ މައްސަލައެއް ހައްލުކުރަން އުޅުމުގެ ތެރޭގައި، ކަރަންޓު ޝޯޓުވެ، ހިނގި އަލިފާނުގެ ހާދިސާގައި ފިހި އަނިޔާވި އެ ކުންފުނީގެ ސުޕަވައިޒަރ ނިޔާވެއްޖެއެވެ.
އޭނާ ނިޔާވީ އަނިޔާތަކާ ގުޅިގެން، ތައިލެންޑުގައި ފަރުވާދެނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

Ad by Hajj Corporation
އެ ހާދިސާގައި އަނިޔާވީ އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލްއެވެ. އޭނާއަށް ފަރުވާ ދެމުންދިޔައީ ބެންކޮކް ހޮސްޕިޓަލްއެވެ.
ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސުވިޗު ގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ ތެރޭގައި، ކަރަންޓު ޝޯޓޭޖެއް ހިނގައި، ހިނގި އަލިފާނުގެ ހާދިސާގައި އަޒްމީލްގެ ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހުނެވެ.
އަޒްމީލް އިތުރު ފަރުވާއަށް ތައިލެންޑަށް ގެންދިޔައީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގައެވެ.
އޭނާ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭގެ ފަހުން އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށްވެސް ގެންދިޔައެވެ.
އަޒްމީލްގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ބެލެހެއްޓީ ސްޓެލްކޯއިންނެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.


