ނޮޅިވަރަމަށް ދަތުގެ ފަރުވާއާއި އެކްސްރޭގެ ޚިދުމަތް ތައާރަފުކުރަނީ
11 ޑިސެމްބަރު 2025 - 05:42

ރާއްޖޭގެ އުތުރުން ހދ. ނޮޅިވަރަމަށް ދަތުގެ ފަރުވާއާއި އެކްސްރޭގެ ޚިދުމަތް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމަށްޓަކައި ނޮޅިވަރަމް ޞިއްޙީ މަރުކަޒުގައި ގާއިމުކުރުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. މިނިސްޓްރީ އޮފް ހެލްތުން މިމަސައްކަތް ހަވާލުކުރީ އެލްއެމްއޭ އިންވެސްޓްމަންޓް ނަކަކަށް ކިޔާ ކުންފުންޏަކާއެވެ.
ނޮޅިވަރަމްޞިއްޙީ މަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތް ފެށުމަށް ބޭނުންވާ ޢިމާރާތް ތަރައްޤީކުރުމަށް އެލްއެމްއޭ އިންވެސްޓްމަންޓާ ހަވާލުކޮށްފައިވަނީ 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 1.7 މިލިޔަން ރުފިޔާއަށެވެ.
މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފެވެ. އެލްއެމްއޭ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މޫސާ ނަޒްމީއެވެ.

Ad by Hajj Corporation
މިމަޝްރޫޢުގެ ދަށުން ނޮޅިވަރަމް ޞިއްޙީ މަރުކަޒުގައި ހަދާ އިމާރާތުގައި ޑެންޓަލް ރޫމަކާއި އެކްސްރޭ ރޫމެއްގެ އިތުރުން ކޮންސަލްޓޭޝަން ރޫމެއް ހިމެނޭނެއެވެ.
މާލެއާ ގާތްގަނޑަކަށް 280 ކިލޯމީޓަރުގެ ދުރުގައި އޮތް 221 ހެކްޓަރުގެ ހދ. ނޮޅިވަރަމްއަކީ ރާއްޖޭގައި އެންމެ ފުރަތަމަ މީހުން އާބާދުވެ އުޅެން ފެށި ގަދީމީ އެއް ރަށެވެ.
މިރަށުގެ އާބާދީގައި 2،800 އަށް ވުރެ ގިނަ މީހުން ތިބެއެވެ. އެ ރަށުގައި 24 ގަޑިއިރު ސިއްހީ ހިދުމަތް ފޯރުކޮށްދެއެވެ.


