ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަ ދީފި
11 ޑިސެމްބަރު 2025 - 10:46

ސްޕެޝަލް އިކޮނޮމިކް ޒޯން- އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ރަސްމީކޮށް ދީފިއެވެ.
މި ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ނ. އަތޮޅުގައި މަޝްރޫޢެއް ހިންގުމަށެވެ.

Ad by Hajj Corporation
ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށް ޓަކައި، އެ ޒޯނާގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްފަހު ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީޤުކުރައްވާފައިވަނީ ހުސްވި މަހުގެ 10 ވަނަ ދުވަހުއެވެ.
މި އިސްލާހާއެކު ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ވަނީ ދީފައެވެ.
790 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު، މި ޕްރޮޖެކްޓަކީ ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި މުހިންމު ކުރިއެރުމެކެވެ. އެއީ ފަތުރުވެރިކަމަށް އެކަނި ބިނާކޮށްފައިވާ އާދައިގެ މޮޑެލްތަކުން އެއްކިބާވެ، މުސްތަގުބަލަށް އަމާޒުކޮށްފައިވާ، އެކި ސިނާއަތްތަކަށް ނިސްބަތްވާ ތަރައްގީތައް ގެނައުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ.
މި ޓައުންޝިޕްގައި ލަގްޒަރީ ފެންވަރުގެ މެހެމާންދާރީގެ ޚިދުމަތްތަކާއި ރެސިޑެންޝަލް ބައިތައް ހިމެނޭނެއެވެ. މީގެ އިތުރުން މުހިންމު އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާތައްވެސް މި ޓައުންޝިޕްގައި ހިމެނެއެވެ. އޭގެ ތެރޭގައި، ރާއްޖެއަކީ މެޑިކަލް އަދި ވެލްނެސް ޓޫރިޒަމްގެ މައިގަނޑު މަންޒިލެއްގެ ގޮތުގައި ފާހަގަކުރާ، އެންމެ ޒަމާނީ މެޑިކަލް ފެސިލިޓީއަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ އަދި ލީޑަރޝިޕް ސްކޫލެއް ހިމެނެއެވެ. އަދި ކާނާގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އަމާޒުކޮށް ތަރައްގީކޮށްފައިވާ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ނިޒާމްތައް ހިންގާނެ ވަކި ރަށެއްވެސް ހިމެނެއެވެ. މި މަޝްރޫޢަށް ބޭނުންވާ ކަރަންޓުގެ މަދުވެގެން 60 އިންސައްތަ އުފައްދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށްވާއިރު، މިއީ ގައުމީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށްވެސް އެހީތެރިވެދޭނެ ކަމެކެވެ.
2028 ވަނަ އަހަރުގެ ނިޔަލަށް މި ޕްރޮޖެކްޓް ހިންގަން ފެށޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ މަތީ ފެންވަރުގެ ވަޒީފާގެ ފުރުސަތުތައް އުފައްދައި، ސަރަހައްދީ އިގްތިސާދީ ހަރަކާތްތައް ސިންދަފާތުކޮށް، ދިގު މުއްދަތަށް ރާއްޖޭގައި މަޑުކުރާނެ ފަތުރުވެރިންނާއި މުއްސަނދިން ގެނެސް، ގައުމީ ތަރައްގީގެ ފުޅާ މަގުސަދުތަކަށް އެހީތެރިވެދޭނެ ޕްރޮޖެކްޓެކެވެ.


