ދިވެހި އުފެއްދުންތައް އަލީބާބާގައި ވިއްކަން ފަށައިފި
19 ޑިސެމްބަރު 2025 - 05:53

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ދިވެހި ފަންނުވެރިންގެ ތަކެތި ދުނިޔޭގެ އެންމެ ބޮޑު އޮންލައިން އެއް މާކެޓުކަމުގައިވާ، އަލީބާބާގައި ވިއްކަން ފަށައިފިއެވެ.
މިކަމާ ގުޅިގެން އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ އޮތެންޓިކް މޯލްޑިވްސްގެ އޮންލައިން ފިހާރައެއް އަލިބާބާގައި ހުޅުވުމަކީ 400 އަށް ވުރެ ގިނަ ދިވެހި ލޯކަލް ވިޔަފާރިވެރިންނަށް، ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ އޮންލައިން ވިޔަފާރި ޕްލެޓްފޯމުތަކުގެ ތެރެއިން އެއް ޕްލެޓްފޯމުގައި އެމީހުންގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ހުޅުވިގެންދިޔަކަމެއްކަމަށެވެ.

Ad by Hajj Corporation
ވަޒީރު ވިދާޅުވީ މިއީ ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް މިނިވަން ވިޔަފާރީގެ ހަޤީޤީ ފައިދާކަމުގައެވެ.
ދިވެހި ފަންނުވެރިންގެ ތަކެތި އަލީބާބާގައި ވިއްކަން ފެށުމަކީ ކުދި ވިޔަފާރިތައް ކުރިއަރުވައި އިޤްތިޞާދު ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ . މުޙައްމަދު މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި މަސައްކަތްތަކުގެ ނަތީޖާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން ކުރެވުނު މުހިންމު ކަމެކެވެ.
މިނިވަން ވިޔަފާރީގެ ފުރިހަމަ ނަތީޖާ އަދި ފުރުސަތުތައް ފަހިކުރުމުގައި ދުނިޔޭގެ އެންމެބޮޑު އެއް އީކޮމާސް ޕްލެޓްފޯމް ކަމުގައިވާ އަލީބާބާ.ކޮމް އާއެކު ސަރުކާރުން މީގެ ކުރިން ކުރިއަށްގެންދިޔަ މަޝްވަރާގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިންވަނި ބައިވެރިވެފައެވެ.
ވަޒީރު އޭރު ވިދާޅުވެފައިވަނީ މި ޕްލެޓްފޯމް މެދުވެރިކޮށް ދިވެހިރާއްޖެއިން ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމުތަކުގެ މާކެޓަކަށް އެކްސެސްލިބޭ ކަމަށާއި، އެއީ 40 މިލިއަން އެކްޓިވް ބަޔާސް ނުވަތަ މުދާ ގަންނަ ފަރާތްތައް ކަމަށެވެ. މިފަދަ ޕްލެޓްފޯމްތަކުގައި ސެލާ އެކައުންޓްސް ހުޅުވުމަށް އަރާ ދަތިތައްވެސް ސަރުކާރުން ޙައްލުކޮށްދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.


