ހެލިކޮޕްޓަރުގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި
11 ޑިސެމްބަރު 2025 - 11:15

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފިއެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭނެ ބަޔަކު ހޯދަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ އޯގަސްޓުމަހުގެ ތެރޭގައެވެ. ހެލިކޮޕްޓަރުގެ ޚިދުމަތް ފަށްޓަވަން ސަރުކާރުން ނިންމެވީ ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ތައާރަފު ކުރުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ.

Ad by Hajj Corporation
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަނީ އިމަޖެންސީގެ ކުއްލި ހާލަތްތަކުގެ ޚިދުމަތް ދިނުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްކަމަށެވެ.
މިއާއެކު އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށް ހުއްދަދޭނެއެވެ. އަދި ވައިގެމަހުން ސަރޗް އެންޑް ރެސްކިއުއަށްވެސް ހެލިކޮޕްޓަރު ބޭނުންކުރާނެއެވެ. ސަރުކާރުން އަންނަނީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރަމުންނެވެ. އެގޮތުން އެއަރ އެމްބިއުލާންސް ފްލީޓުގައި ޑޭޝް-8 މަރުކާގެ ބޯޓާއި، ސީޕްލޭން އަންނަނީ ބޭނުންކުރަމުންނެވެ. އަދި އެ ފްލީޓަށް ހެލިކޮޕްޓަރެއްވެސް އިތުރުކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމާފައިވާއިރު، މި ޚިދުމަތް ފަތުރުވެރިކަމުގެ ސިނާޢަތުގައިވެސް ހެލިކޮޕްޓަރު ބޭނުންކުރާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެގޮތުން މި ޚިދުމަތް ދިނުމަށް އެއްބަސްވުން އެކުލަވާލާ ފަރާތަށް 10 އަހަރުގެ މުއްދަތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިން އުފުލައި ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ހުއްދަދޭނެކަމަށްވެސް ދަތުރުފަތުރާބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
އެ ވުޒާރާއިން ބުނީ ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ހުއްދަދޭނީ ރާއްޖޭގެ ތިމާވެށްޓާއި ގުދުރަތީވެށްޓަށް ގެއްލުން ނުލިބޭނެފަދަ ގޮތަކަށް ޚިދުމަތްދޭނެ ބަޔަކަށްކަމަށެވެ.
ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރުއެފްޕީ) ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 2025 ޑިސެމްބަރު 25 ގެ ނިޔަލަށެވެ.
ރާއްޖޭގައި ފަށަން ނިންމާފައިވާ ހެލިކޮޕްޓަރުގެ ޚިދުމަތުގައި ބޭނުންކުރާނީ ރައްކާތެރިކަމުގެ މިންގަނޑު އެންމެ މަތީ ހެލިކޮޕްޓަރުތައްކަމަށް މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ސަރުކާރުން ނިންމާފައިވާއިރު، އެކަމުގައި އެންމެ ބޮޑަށް ވިސްނާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަމަށެވެ. އެގޮތުން މި ޚިދުމަތުގައި ބޭނުންކުރާނީ އެންމެ ރައްކާތެރި "ޓްވިން އިންޖީން" ހެލިކޮޕްޓަރުކަމަށް ވަޒީރު ވިދާޅުވިއެވެ.
1990 އަހަރުތަކުގެ ކުރީކޮޅުން ފެށިގެން 1999 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ދިޔައީ ހެލިކޮޕްޓަރުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ހަމިންބާޑުގެ ނަމުގައި އޭރު އޮޮޕަރޭޓްކުރަމުންދިޔަ ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓާލީ އޭރު ދިމާވި ހިތާމަވެރި ހާދިސާތަކެއްގެ ސަބަބުންނެެވެ.


