ގަރާޖް ޕާމިޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަދައިފި
24 ޑިސެމްބަރު 2025 - 12:08

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރެއިން ގަރާޖް ސިޓީއާއެކު ހުށަހަޅަންޖެހޭ ގަރާޖު ޕާމިޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ އުޅަނދު ރަޖިސްޓްރީކުރުމަށް ގަރާޖު ޖާގައެއް އޮތުން ލާޒިމު ނަމަވެސް އިދާރީ ގޮތުން ގަރާޖާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ލިޔުންތައް އާންމުންނަށް ފަސޭހަ ކުރުމުގެ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation
މިހާތަނަށް ގަރާޖާގުޅިގެން ހުށަހަޅުމަށް ލާޒިމްކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ:
1- މާލެ ސިޓީ ކައުންސިލުން ނުވަތަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ (އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ)
2- މާލެ ސިޓީ ކައުންސިލުން ނުވަތަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ވެހިކަލް ގަރާޖު ކުރުމުގެ ހުއްދަ (ވެހިކަލް ގަރާޖު ޕާމިޓް)
3- ގަރާޖު ވެރިފަރާތުގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުމާއި، ވެރިފަރާތުގެ އައިޑެންޓިފިކޭޝަން
އެހެންނަމަވެސް 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން، ގަރާޖާ ގުޅިގެން ހުށަހެޅުމަށް ކަނޑައަޅާފައިވާ ލިއުންތަކަކީ:
1- މާލެ ސިޓީ ކައުންސިލުން ނުވަތަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ (އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ)
2- ގަރާޖު ވެރިފަރާތުގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަން
މި ބަދަލު ގެނެސްފައިވަނީ، އިދާރީ ގޮތުން ގަރާޖު ކުރުމާ ގުޅޭ ކަންކަން ކަށަވަރު ކުރާނެ ގޮތްތައް ކަނޑައެޅުމުގައި، ކުރިން ވަކި ދެ އިދާރާއަކުން ދެ ހުއްދަ ނަގަންޖެހި، އެއް ޚިދުމަތެއް ފުރިހަމަ ކުރުމަށް ރައްޔިތުން ދެ ފަހަރަށް ހުށަހަޅަން ޖެހުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ކުޑަކޮށް ޚިދުމަތްތައް ފަސޭހަ ކުރުމުގެ މަޤްޞަދުގައިކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
މީގެއިތުރުން، 2009 ވަނަ އަހަރު ގަރާޖު ލާޒިމް ކުރުމުގެ ކުރިން އަދި ކަނޑައެޅިގެން ވަކި ގަރާޖަކަށް ރަޖިސްޓަރީކޮށްފައިނުވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލު ނުކުރެވި ގިނަ ރައްޔިތުންތަކެއް މިކަމުގެ ޝަކުވާ ހުށަހަޅަމުންދާތީ މިހާރުވެސް މާލެ ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ މިފަދަ އުޅަނދުތަކަށް އިތުރު ގަރާޖު ލިޔުމެއް ހުށަހެޅުމަކާނުލައި، ވެރިފަރާތް ބަދަލު ކުރެވޭނެ އިންތިޒާމު ވަނީ ފަހިކުރެވިފައިކަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކުރި އިއުލާނުގައިވަނީ ހާމަކޮށްފައެވެ.
މިބަދަލުތަކާއެކުވެސް މިހާރުވެސް އަމަލު ކުރަމުންދާ ފަދައިން، ގަރާޖުގެ ވެރިފަރާތުގެ ކޮންސެންޓް ވެރިފައި ކުރުމާއި، ގަރާޖު އިންސްޕެކްޓް ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށްގެންދާނެ ކަމުގައި ވުޒާރާއިން މައުލޫމާތުދެއެވެ.


