މަސްވެރިންގެ އިހުތިޖާޖު: މެމްބަރު މައުރޫފު ހިމެނޭހެން ތިން މީހެއްގެ ބަންދަށް 5 ދުވަސް
12 ޑިސެމްބަރު 2025 - 15:54

މަސްވެރިން ކުރަމުންދާ އިޙްތިޖާޖާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހުންގެ ބަންދުގެ މުއްދަތު 5 ދުވަހަށް އިތުކޮށްފިއެވެ.މިމީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުވެސް ހިމެނެއެވެ.
މިމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކުރަމުންދާ އިޙްތިޖާޖާ ގުޅިގެން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައިއެވެ.
ފުލުހުންބުނެފައިވަނީ މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރު ކޮށްފައިވާ 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންވެސް ބަންދުގައި ބޭތިއްބުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.
އިހުތިޖާޖު ކުރިއަށް ދިޔަ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށްވީނަމަވެސް، އިހުތިޖާޖުގައި ބައިވެރިވެފައިވާ ދޯނިތަކުން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުން ފެށިގެން މުޅިރޭގަނޑު އެއްކޮށް އެއް ނަންބަރު ޖެޓީއާ ދިމާލުން މާލެއާއި ދޫނިދޫއާ ދެމެދުގެ ކަނޑުގެ ސަރަހައްދުގައި ނަގިލި ލައި، އުޅަނދުތައް އަޅައިގެން ތިބުމުގެ ސަބަބުން އެސަރަހައްދުން ދަތުރުކުރި އުޅަނދުތަކަށާއި އެކި ފަރާތްތަކަށް އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައި ވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Ad by Hajj Corporation
ފުލުހުން އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާދީފައިނުވާތީއާއި ބިދޭސީން އިހުތިޖާޖުގައި ބައިވެރިވަމުންދާތީ، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ފުލުހުން ވަނީ އިހުތިޖާޖުގައި ބައިވެރިވަމުންދިޔަ ބައެއް ދޯނިތަކަށް އަރާފައެވެ.
އަދި އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން 3 ދޯންޏެއްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.


